ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވާއިރު، ޖުމްލަ 7 ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ. އެގޮތުން މާލޭގެ ދަރުމަވަންތަ ސްކޫލުގައި 2 ފޮށި އަދި އައްޑޫ ސިޓީގެ ހިތަދޫ ސްކޫލުގައި 5 ފޮށި ވަނީ ބަހައްޓާފަ އެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އަދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އަބްދުﷲ ސޯދިގު އެވެ. ސައީދަކީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އެވެ. އަދި ސޯދިގަކީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރު އެވެ. އެމްޑީޕީގެ ޓިކެޓު ސޯދިގަށް ލިބުނީ އެ ޕާޓީގެ އެހެން ފަރާތަކުން ޕްރައިމަރީގައި ވާދަ ނުކުރުމުންނެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ސައީދު ވާދަކުރައްވަނީ، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ވާދަ ނުކުރައްވަން ނިންމެވުމުން، ޕާޓީގެ ނިންމުމުގެ ދަށުންނެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އެ ކޯޓުގެ ނިންމުމާއެކު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށްޓަކައި މި ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ އެވެ.
އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
