ދިވެހިރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން މިކަން ހާމަކުރީ، އެ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގަ އެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދަކީ 24،401 އެވެ. މިއީ އެ އަހަރުގެ ޖުމްލަ އާބާދީކަމަށްވާ 382،639 ގެ 7 އިންސައްތަ އެވެ. މާނައަކީ ރާއްޖޭގެ އާބާދީގެ ކޮންމެ 15 މީހުންގެ ތެރެއިން އެކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޝާމިލުކުރަނިވި މުޖުތަމައެއް ބިނާކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމުމުގައި އެ ފަރާތްތަކުގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތައުލީމާއި ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް މުހިންމު ކަމެއްކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަންވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.
މިފަދަ ޕްރޮގްރާމްތަކުން ނުކުޅެދުންތެރިކަމަކީ ކޮބައިކަމާއި، އެކަން ދެނެގަތުމުގެ ގޮތްތަކާއި، އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދެވޭނެ އެވެ.