ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭ ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައްޔިތުންގެ ހިޔާލުތަކަށް ބަލާއިރު މި އިންތިހާބުން ސަރުކާރު ބަލިވާނެ ކަމަށެވެ.
"މިހާތަނަށް ރަށްރަށުގެ މައުލޫމާތުތައް ލިބޭ ގޮތުގައި މާލެއާއި އަދި ރާއްޖޭގެ އެކި ސިޓީތަކުގެ ރައްޔިތުންގެ ޝުއޫރުތައް އަދި އިހުސާސްތައް އެނގިފައިވާ މިންވަރުން ބުނެލަން އޮތީ މި ލޯކަލް ކައުންސިލް ވެގެންދާނީ މި ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިޚާބަކަށް. ބޮޑުތަނުން ބަލިވާނެ އިންތިޚާބަކަށް،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީ އިން މިފަހަރުގެ އިންތިހާބަށް ދުރާލައި ތައްޔާރުވެ، އެންމެން އެކަތިގަނޑަކަށް ވާންޖެހޭނެ ކަމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.
ޝާހިދު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. މީގެ އިތުރުން ކައުންސިލަރުންގެ އަދަދު މަދުކުރަނީ އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަން ކުރުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގައި ޕާޓީއަށް ދޭ ހަދީޔާއަކަށް ވާން ވާނީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތާބު ކާމިޔާބު ކުރުން ކަމަށެވެ. އެއީ އެމްޑީޕީން ކޮންމެހެން ވެސް ކުރަން ޖެހޭކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.