މާލޭގެ ސްކޫލެއްގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާފައިވާ ބޮޑު ހިޔާނާތެއްގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ފަށައިފި އެވެ.
މި މައްސަލައަކީ އެ ސްކޫލުގައި ކުރިން މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވެ ރާއްޖެ ދޫކޮށް ދިއުމުން، އެ މީހާގެ ނަމުގައި މުސާރަ ނަގަމުންދިޔަ މައްސަލައެކެވެ. މިކަން ފަޅާއެރުމާ ގުޅިގެން، އެ ކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެ ސްކޫލުގެ ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ނިންމާފަ އެވެ.
ވަޒީފާ އިން ވަކިކުރަން ނިންމާފައިވާ ތިން މުވައްޒަފުންނަކީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.
މި މައްސަލައިގެ ތަހުގީގެއް އެ ކޮމިޝަނުން މިހާރު ވަނީ ރަސްމީކޮށް ފަށާފަ އެވެ. ނަމަވެސް، މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ، މައްސަލައިގެ އިތުރު ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެ އެވެ.
މި ހިޔާނާތް ހިންގާފައިވާ ގޮތަށް ބަލާއިރު، 2021 ވަނަ އަހަރުން ފެށިގެން އެ ބިދޭސީ މީހާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓް އޮފިސަރާ އާއިލީ ގުޅުން އޮންނަ އެކި މީހުންގެ ބޭންކު އެކައުންޓުތަކަށް ވަނީ ޖަމާކޮށްފަ އެވެ. މިގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ މުސާރައިގެ ގޮތުގައި ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ބޮޑު ހިޔާނާތް ފަޅާއެރީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތައް ރެންޑަމްކޮށް އޮޑިޓް ކުރަމުން ދަނިކޮށް، އެ ސްކޫލުގެ މުސާރަ ޝީޓުތަކުން ފާހަގަވި ބޮޑެތި ފުށުއެރުންތަކަކާ ގުޅިގެންނެވެ.
ސަރުކާރުން ދޭންޖެހޭ ފައިސާއެއް ނުދޭ: ރަސްމާލެ ހިއްކާ ކުންފުނިތައް
ކޭޕް ވާޑްއިން ޔޫރަޕްގެ ޗެމްޕިއަން ހިފަހައްޓައިފި