އީރާނުގެ ވޯލްޑް ކަޕް ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފި ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކު ހާމަކޮށްފި އެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަމާއި ހަމަނުޖެހުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައި މިވަނީ، ލޮސް އެންޖެލެސްގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކުރެއެވެ.
މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު އަބުލްފަޟްލް ފަސަންދީދޭ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އޭރުވެސް ޓީމަށް ވިސާ ނުލިބޭ ކަމަށެވެ. ނަމަވެސް، އެ ރޭގެ ވަގުތެއްގައި ވިސާ ހަމަޖެހިފައިވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރަސްމީ ބަހެއް އަދި ނުބުނެއެވެ.
ފާސް ނިއުސް އެޖެންސީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުޅުންތެރިންނަށް ވިސާ ލިބުނު ނަމަވެސް، ޓީމުގެ ޓެކްނިކަލް އަދި އިދާރީ ބައެއް މުވައްޒަފުންނަށް އެމެރިކާއިން އަދިވެސް ވިސާ ދޫކޮށްފައެއް ނުވެއެވެ. އަދި އެމެރިކާ އެމްބަސީން އެ ފަރާތްތަކަށް ވިސާ ދިނުމަށް އިންކާރު ކުރަމުންދާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ހާލަތުގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ ވޯލްޑް ކަޕް މިވަނީ ސިޔާސީ ކުރިމަތިލުމަކަށް ބަދަލުވެފަ އެވެ.
ވިސާގެ މައްސަލަތަކާއި އަމަނާ ބެހޭ ކަންކަމަށް ރިއާޔަތްކޮށް، އީރާނުން ވަނީ އެގައުމުގެ ޓީމު ކޭމްޕް ކުރާ މަރުކަޒު އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފަ އެވެ. މިއީ އެމެރިކާގެ ފަސްގަނޑުގައި ޓީމު ހޭދަކުރާ ވަގުތު ވީހާވެސް މަދުކުރުމަށް އީރާނުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. އެ ޓީމު އަންނަ އާދީއްތަ ދުވަހު ޓިޖުއާނާއަށް ދާނެއެވެ.
ގްރޫޕް 'ޖީ' ގައި ހިމެނޭ އީރާނުގެ ފުރަތަމަ މެޗު ޖޫން 15 ގައި ނިއުޒީލޭންޑާ ދެކޮޅަށް ލޮސް އެންޖެލެސްގައި ކުޅޭއިރު، ދެން އެ ޓީމު ބައްދަލުކުރާނީ ބެލްޖިއަމް އަދި ސިއެޓްލްގައި މިސްރާ އެވެ.
ސަފީރު ފަސަންދީދޭ ވިދާޅުވި ގޮތުގައި، އީރާނުގެ ޓީމު އެމެރިކާއަށް އައުމަށް ބޭނުންނުވާ ކަމަށް އެމެރިކާއިން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުންހުރި އެއްވެސް ފަރާތަކަށް ވޯލްޑް ކަޕް ވަފުދުގެ ތެރޭގައި ހިމެނުނުނަ ނުދޭނެ ކަމަށެވެ. މިގޮތުން، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މެހްދީ ތާޖު، ރިވޮލިއުޝަނަރީ ގާޑްސްގެ ކުރީގެ ކޮމާންޑަރަކަށް ވުމުން، މިދިޔަ ޑިސެމްބަރު މަހު ވޮޝިންޓަންގައި ބޭއްވި ގުރުއަތުލުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެމެރިކާއިން އޭނާއަށް ވިސާ ދީފައެއް ނުވެއެވެ.
ސަފީރު ފަސަންދީދޭ އިތުރަށް ވިދާޅުވި ގޮތުގައި، މި ދަނޑިވަޅުގައިވެސް ވޯލްޑް ކަޕްގައި ވާދަކުރުމަށް އީރާނުން ބޭނުންވުމަކީ، އެމެރިކާއާއެކު އޮތް ހަނގުރާމައިގެ ހާލަތަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެ ގައުމުން ކުރާ މަސައްކަތުގެ ހެއްކެކެވެ. "ދުޝްމަނެއްގެ ގޮތުގައި ބެލެވޭ ގައުމެއްގެ ފަސްގަނޑުގައި ބާއްވާ ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމަކީ، އީރާނުން ސުލްހައަށް އެދޭކަން ދޭހަކޮށްދޭ ކަމެއް،" މެކްސިކޯ ސިޓީގައި ހުންނަ އީރާނު އެމްބަސީގައި ސްޕެނިޝް ތަރުޖަމާނެއް މެދުވެރިކޮށް ވާހަކަދައްކަވަމުން ސަފީރު ވިދާޅުވި އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގެ ދުވެލި މަޑުވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައިވެސް، ވަގުތީ އެއްބަސްވުމަކަށް އައުމަށް ދެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ސްބްސްރިޕްޝަން ލިމިޓެއް ނުކުރޭ: ބީއެމްއެލް