ހިތުގެ ބަލިތަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭއިރު ގިނަ ފަހަރަށް އެންމެ ބޮޑު ކުށްވެރިއަކަށް ހަދަނީ ކޮލެސްޓްރޯލް އެވެ. ނަމަވެސް ސައިންސްގެ އާ ހޯދުންތަކުން ދައްކާ ގޮތުގައި މިއީ ހަމައެކަނި ކޮލެސްޓްރޯލާ ގުޅިފައިވާ ކަމެއް ނޫނެވެ.

މީގެ ފަހަތުގައި ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން، ދިރިއުޅުމުގެ އާދަތައް އަދި މެޓަބޮލިކް ދުޅަހެޔޮކަން ފަދަ މާ ފުން އަދި އޮޅުން ބޮޅުން ބޮޑު ސަބަބުތަކެއް އެކުލެވިގެންވެ އެވެ.

ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެކް ވުލްފްސަން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ގިނަ މީހުން ހިތުގެ ބަލިތަކަކީ ހަމައެކަނި ކޮލެސްޓްރޯލްގެ މައްސަލައެއް ކަމަށް ހީކުރި ނަމަވެސް، ކޮލެސްޓްރޯލަކީ ބަލީގެ އަސްލު ނުވަތަ މޫ ނޫން ކަމަށެވެ.

ހިތުގެ ބައްޔަށް މެދުވެރިވާ އަސްލު ސަބަބުތައް

ޑރ. ވުލްފްސަން ބަޔާންކުރާ ގޮތުގައި ހިތުގެ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް އަސަރުކުރާ އަދި ގިނަ ފަހަރަށް ސަމާލުކަން ނުދެވިދާ ކަންތައްތަކަކީ:

  • އިންފްލެމޭޝަން: ލޭހޮޅިތަކުގެ އެތެރޭގައި އުފެދޭ ދުޅަވުން.
  • ލޭ ގަނޑުވުން: ނުރައްކާތެރި ގޮތްގޮތަށް ލޭހޮޅިތަކުގެ ތެރޭގައި ލޭ ގަނޑުވުން
  • .ލޭ ދައުރުވުން ދަށްވުން: ހަށިގަނޑުގެ އެކި ބައިތަކަށް ބޭނުންވާ މިންވަރަށް ލޭ ދައުރު ނުވުން.

އޭނާ ވިދާޅުވީ ހަމައެކަނި ކޮލެސްޓްރޯލްގެ ލެވެލް ހުރި ގޮތަށް ބެލުމުގެ ބަދަލުގައި، މުޅި ހިތާއި ލޭހޮޅިތަކުގެ ނިޒާމު މަސައްކަތްކުރާ ގޮތަށް ފުރިހަމައަށް ބަލަންޖެހޭ ކަމަށެވެ.

ލޭގެ ހިނގުން ރަނގަޅުކޮށްދޭ ދެ އެންޒައިމެއް

ހިތުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، ހަށިގަނޑުގެ އެތެރޭގެ މަސައްކަތްތަކަށް އެހީތެރިވެދޭ ދެ އެންޒައިމެއްގެ ވާހަކަ ޑރ. ވުލްފްސަން ފާހަގަކުރެއްވި އެވެ. އެއީ ނަޓޯކިނޭސްއަދި ސެރަޕެޕްޓޭސް އެވެ.

  • ނަޓޯކިނޭސް: މިއީ ޖަޕާނުގެ ސަގާފީ ފާމެންޓް ކޮށްފައިވާ (ކަނޑުވައިގެން ތައްޔާރުކުރާ) ކާނާއެއް ކަމަށްވާ 'ނަޓޯ' އިން އުފައްދާ އެންޒައިމެކެވެ. މީގެ ހާއްސަކަމަކީ ލޭ ހޮޅިތަކުގައި ބޭނުންނުވާ ގޮތަށް ލޭގަޑުވުމަށް މެދުވެރިވާ 'ފައިބްރިން' ކިޔާ ޕްރޮޓީނެއް މުގުރާލުމުގެ ގާބިލުކަން ލިބިގެންވުމެވެ. ސައިންޓިފިކް ހޯދުންތަކުން ދައްކާގޮތުގައި މިއީ ލޭގެ ހިނގުން ރަނގަޅުކޮށްދީ، ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. މިއީ އާދައިގެ ލޭމަޑުކުރާ ބޭސްތަކާ ހިލާފަށް، ހަށިގަނޑުގެ ގުދުރަތީ ނިޒާމަށް ބާރުދޭ އެންޒައިމެކެވެ.
  • ސެރަޕެޕްޓޭސް: މިއީ ހަށިގަނޑުގައި އުފެދޭ ބޭނުންނުވާ މާއްދާތަކާއި، ހަލާކުވެފައިވާ ޓިޝޫތަކާއި، އިންފްލެމޭޝަން އުފައްދާ ޕްރޮޓީންތައް ނައްތާލުމަށް އެހީވާ އެންޒައިމެކެވެ. މީގެ ސަބަބުން ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުވެ، ލޭ ދައުރުވުމަށް ހުރަސްއަޅާ ކަންކަން ކުޑަވެގެންދެ އެވެ.

މި ދެ އެންޒައިމް އެކުވުމުން ލޭގެ ހިނގުން ފަސޭހަވެ، ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓޭ،" ޑރ. ވުލްފްސަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ހިތުގެ ދުޅަހެޔޮކަމަކީ ހަމައެކަނި ލެބޯޓްރީ ޓެސްޓްތަކުން ދައްކާ ނަންބަރުތަކަކަށް ބަލައިގެން ފަރުވާކުރުން ނޫން ކަމަށެވެ.

އޭގެ ބަދަލުގައި، މިއީ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދީ، ހަށިގަނޑަށް ގެއްލުންދޭ ކަންކަމުން ދުރުހެލިވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯޓް: މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ލިޔެފައިވާ މަޒުމޫނެކެވެ. ސިއްހީ އެއްވެސް ފަރުވާއެއް ނުވަތަ ބޭހެއް ބޭނުންކުރުމުގެ ކުރިން އަބަދުވެސް ކަމާބެހޭ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.