ބިމުން ބޭރުގެ ދިރުންތައް ނުވަތަ "އޭލިއަނުން" ދުނިޔެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، މިހާރު ވެސް އެތަކެތި ދުނިޔޭގައި އުޅެމުންދާ ކަން ޔަގީންވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އަދި ކާމިޔާބު ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގް ބުނެފި އެވެ.
އޭނާގެ އާ ސައިންސް ފިކްޝަން ފިލްމު "ޑިސްކްލޯޝާ ޑޭ" ރިލީޒް ކުރުމާ ދިމާކޮށް "ސީބީއެސް ސަންޑޭ މޯނިން" އަށް ދިން އިންޓަވިއުއެއްގައި ސްޓީވަން ބުނީ، އޭލިއަނުން ދުނިޔޭގައި އުޅޭ ކަމަށް އޭނާ ގަބޫލުކުރަނީ މުޅި ހަޔާތުގައި ލިބިފައިވާ ގަރީނާތަކާއި، އެމެރިކާގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ ހެކި ބަސްތަކަށް ބަލާފަ އެވެ.
"އަހަރެންގެ މުޅި ހަޔާތުގައި އެއްކުރެވުނު ހެކިތަކާއި ކޮންގްރެސްގައި ދެވުނު ބަޔާންތަކަށް ބަލާއިރު، އަހަންނަށް ކަށަވަރު އެތަކެތި ދުނިޔެއަށް އައިސްފިކަން އަދި މިހާރު ވެސް މިތަނުގައި އުޅޭކަން. ވެދާނެ އެއީ އަބަދުވެސް މިތަނުގައި އުޅޭ އެއްޗެހި ކަމަށް ވެސް،" އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ 79 އަހަރުގެ ޑައިރެކްޓަރު ބުންޏެވެ.
އޭލިއަނުންނާ ބެހޭ ގިނަ ފިލްމުތަކެއް (އީ.ޓީ އަދި ކްލޯޒް އެންކައުންޓާސް ފަދަ) އުފައްދާފައިވާ ސްޕީލްބާގް ބުނީ، އޭނާ މިއިން ދުވަހަކު ވެސް އަމިއްލައަށް އޭލިއަނެއް ނުވަތަ ޔޫއެފްއޯއެއް ފެނިފައިނުވާ ކަމަށެވެ.
އެކަމާ މަޖާޒީ ގޮތަކަށް ޝަކުވާ ކުރަމުން އޭނާ ބުނީ އެއީ ހާދަ ދެރަ ކަމެއް ކަމަށާއި އޭނާއަކީ އެމީހުންގެ (އޭލިއަނުންގެ) އެމްބެސެޑަރެއް ކަހަލަ މީހެއް ކަމަށެވެ.
ޔޫއެސްއޭ ޓުޑޭއަށް ދިން އެހެން އިންޓަވިއުއެއްގައި ސްޕީލްބާގް ކިޔައިދިން ގޮތުގައި، 1977 ގައި އޭނާ "ކްލޯޒް އެންކައުންޓާސް" އުފެއްދިއިރު ބޭނުންކުރީ ހަމައެކަނި ޚިޔާލީ ތަސައްވުރެކެވެ.
ނަމަވެސް 21 ވަނަ ގަރުނު ފެށުނު ފަހުން، މީހުންގެ އަތްމަތީ ފޯނުތަކާއި އެކި ވަސީލަތްތަކުން ނަގާފައިވާ ވީޑިއޯތަކާއި ހެކިތައް ފެނުމުން، މި ކާއިނާތުގައި އިންސާނުން އެކަނި ނޫންކަން މިހާރު ސާބިތުވެއްޖެ އެވެ.
ސްޕީލްބާގްގެ އާ ފިލްމު "ޑިސްކްލޯޝާ ޑޭ" އަކީ އޭލިއަނުންނާއި ޔޫއެފްއޯއާ ބެހޭ ހަގީގަތްތައް ސަރުކާރުތަކުން ސިއްރު ކޮށްފައިވާ ކަމަށް ބުނާ ކޮންސްޕިރެސީ ތިއަރީތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސިލްސިލާ ސައިންސް ފިކްޝަން ފިލްމެކެވެ.
މި ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދަނީ އެމިލީ ބްލަންޓް އަދި ޖޯޝް އޮކޯނާ އެވެ. ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ޖޫން 12ގަ އެވެ.
ޝަމްއާންގެ މައްސަލާގައި ކަން ހިނގިގޮތް ސާފުކޮށްދޭން އަންގައިފި
މާ ބުރަކޮށް އުޅުމުގެ ނުރައްކާ ދުންފަތުގެ ނުރައްކަލާ އެއްވަރު!
ފެންވަރަން ރަނގަޅީ ހެނދުނުތަ؟ ނޫނީ ރޭގަނޑުތަ؟