ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލައިގައި ހުރިހާ ކަމެއް ނިންމީ ތަހުގީގަށް ލިބުނު ހެކިތަކަށް ބިނާކޮށް ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގެ ލޮކް ކޯޑު ނުދިނުމުން ފޯނެއް ނުބެލުނު ކަމަށް ބުނެ ޝަމްއާންގެ ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ހުކުމްކޮށްފަ އެވެ.

ޝަމްއާންގެ މައްޗަށް ދައުލަތުން ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މިދިޔަ އަންގާރަ ވަނަ ދުވަހު ޝަމްއާން މީޑިއާތަކާ ބައްދަލުކޮށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ފުލުހުން ބުނީ ޝަމްއާނާ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ފެށުމާއެކު، މިދިޔަ އަހަރުގެ މާރިޗު 21 ވަނަ ދުވަހު ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއަށް ފަހު މައްސަލައިގެ ތަހުގީގުގެ އަދާހަމަ އެކި ފަހަރު މަތިން މީޑިއާތަކާ ހިއްސާކުރި ކަމަށާއި އެ މައްސަލައިގެ ތަހުގީގުގެ ހޯދުންތަކުގެ ތަފްސީލު ހާމަކުރުމަށް މިދިޔަ އަހަރުގެ މެއި 13 ވަނަ ދުވަހު މީޑިއާ ބްރީފިންއެއް ވެސް ބޭއްވިކަން ފުލުހުން ފާހަގަކުރި އެވެ.

މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްއާނަށް އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރު ކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި އޮޕަރޭޝަން މިދިޔަ އަހަރުގެ މާރިޗު 11 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ކުރިން ޝަމްއާންގެ އޮފީހުގައި މިކަމާ ގުޅޭ މަޝްވަރާތައް ބާއްވާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު މި މައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ރޭ އެ މައުލޫމާތު ޝަމްއާނަށް ދިނުމަށް ފަހު، އެ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އެގޮތުން ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާ ގުޅޭ މުވައްޒަފުންނަށް ޝަމްއާން އިރުޝާދު ދިންކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު.

ތަހުގީގަށް އިތުރަށް ހާމަވެފައިވާ ގޮތުގައި އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، މި މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރި ކަމަށާއި، މި ދަތުރުގެ ތެރޭގައި އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް ޝަމްއާނާ ގުޅާފައިވާކަން ވެސް އެނގިފައިވާ ކަމަށާއި މިކަމަށް އެއްބަސްވެފައި ވަނީ 500,000 (ފަސްލައްކަ) ދިވެހި ރުފިޔާއަށް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ފަހު އިމިގްރޭޝަންގެ އެ ދެ މުވައްޒަފުން ސައިކަލެއްގައި ޝަމްއާން ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގޮސްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަށް ވަދެފައި ވަނީ ދަންވަރު 3:00 އެހައިކަން ހާއިރު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ގާތްގަނޑަކަށް ތިން މިނެޓް ފަހުން އެމީހުން އެ އިމާރާތުން ނުކުތްއިރު، އެމީހުންގެ އަތުގައި އެ ފައިސާ ކޮތަޅެއް ނެތްކަން ވެސް ފުލުހުން ފާހަގަކުރި އެވެ.

ފުލުހުން ބުނި ގޮތުގައި އޭގެ ޖެހިގެން އައި ދުވަހު ޝަމްއާންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ވަނީ ހޯދިފަ އެވެ.

މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީ ވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މި މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މުޅި ތަހުގީގުގެ މަރުހަލާގައާއި އޭގެ ފަހުން ހިނގި ޝަރުއީ މަރުހަލާތަކުގައި ވެސް، ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްއާން ދީފައެއް ނުވެ އެވެ. އެހެންކަމުން އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު މިދިޔަ އަންގާރަ ދުވަހު ޝަމްއާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި މިދިޔަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލި ފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރު ވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށް ވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައި ނުވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހިންގާ ހުރިހާ ތަހުގީގުތަކަކީ ވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެއް. ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުން ވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން
ދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުން ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް އެ މުއައްސަސާއިން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ކޯޓަކުން ނިންމާފައިވާ ނިންމުމަކާ މެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަން ޖެހޭކަމަށް ދެކޭނަމަ، އެކަމަށް އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުން ކުރުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖުމްލަ 25 އަހަރުގެ ހުކުމެއް އައި ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި 9 މަހާއި 10 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރެވޭނެ އެވެ. ޖަލު ހުކުމުގެ އިތުރުން ޝަމްއާން ވަނީ 500,000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އަދި ބިދޭސީއެއްގެ އަތުން ފޭރިގަތް 500,000 ރުފިޔާ ތިން މަސްދުވަހުގެ ތެރޭގައި އެމީހާއަށް އަނބުރާ ދެއްކުމަށާއި، އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން 125,000 ރުފިޔާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ގާޒީ އިހުސާން ވިދާޅުވި ގޮތުގައި ޝަމްއާންއަށް މިފަދަ ބޮޑު އަދަބެއް ދޭން ނިންމީ، އިމިގްރޭޝަންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރެ، ބިދޭސީންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށް، މުއައްސަސާގެ އަގު ވައްޓާލާފައިވާތީ އެވެ.