އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި، ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލައި، އޮބްޒާވަރުންނަށް ފާސް ނުދީ ވޯޓުލުން ކުރިއަށް ގެންދާ ކަމަށް، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މިއަދު ތުހުމަތުކުރައްވައިފި އެވެ.
އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެގޮތުން، ބައެއް ރަށްރަށުގައި މީކާއިލްގެ ފަރާތުން ހަރަކާތްތެރިވާ މަންދޫބުންނަށް ގަސްތުގައި ފާސް ދޫނުކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ފަޅާލާފައި ހުރި ވޯޓު ފޮށިތަކަށް ބައެއް މަރުކަޒުތަކުގައި ވޯޓުލަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވޯޓުލާ މީހުންގެ ލިސްޓާ ގުޅޭގޮތުން ވެސް މީކާއިލް ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޯޓާސް ލިސްޓު އޮޅުވާލުމުގެ އަމަލުތަކެއް ބައެއް ރަށްރަށުގައި ހިނގަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. ވަކިން ހާއްސަކޮށް، އޭނާއަށް ތާއީދުކުރާ އަދި ވޯޓުލާން ގޮސް ތިބި ބައެއް އާންމު މެންބަރުންގެ ނަންތައް ލިސްޓުން އުނިކޮށް، ވޯޓުލުމުގެ ހައްގުން އެ މީހުން މަހުރޫމްކުރަމުންދާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މިފަދަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މީކާއިލް ވިދާޅުވީ މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންތިހާބުގެ ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ކަށަވަރުކުރުމަށްޓަކައި، ޕާޓީގެ ވީހާވެސް ގިނަ މެންބަރުން ނުކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ. މިއަދު ކުރިއަށްދާ މި އިންތިހާބަކީ އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިމަގުގެ މިސްރާބު ކަނޑައެޅުމަށް މުހިންމު އިންތިހާބެއްގެ ގޮތުގައި ބެލެވޭ އިންތިހާބެކެވެ.
އެންމެ ފަހު ވަގުތު ހައިޓީއަށް ޖެހުނީ ޖޯޒީގެ ޑިޒައިން ބަދަލުކުރަން
އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މި ހަފްތާގައި ސޮއިކުރަނީ
