މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަހާއެކު ޕީޕީއެމް ފިކުރުގެ އަހްލުވެރިންނަށް 'ލައްކަ އިހުސާސް ކުރުވާނެ' ކަމަށާއި އެމީހުންގެ ހަނދާނަށް ވަރަށް ބައިވަރު ކަންކަން އަންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް އެފަދައިން ވިދާޅުވީ އިއްޔެ އެމްޑީޕީގެ އެތެރޭގައި ބޮޑު ވާދަވެރިކަމެއް އޮތް ޗެއާޕާސަން އިންތިޚާބު ބޮޑު ތަފާތަކުން އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވުމާއެކު އެކަމަށް އިޝާރާތްކުރައްވަ އެވެ. ނަޝީދަކީ އެ ޕާޓީގެ 'ބާނީ'ގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރައްވާ ބޭފުޅެކެވެ. ނަމަވެސް 2023ގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެމަނިކުފާނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެމަނިކުފާނު ވަނީ އެމްޑީޕީ 'ރޫޅާލާނެ' ކަމަށް ވިދާޅުވެ އެ ޕާޓީން ވަކިވެވަޑައިގެން ގޮސްފަ އެވެ.
ނަމަވެސް އެނބުރި ވަޑައިގެން އެމަނިކުފާނު އެވަނީ ވާދަވެރި އިންތިހާބެއް ކާމިޔާބުކުރައްވައި، އެ ޕާޓީގެ ރަސްކަން އަލުން ހޯއްދަވައިފަ އެވެ. މިއީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީހީ ކަމެކެވެ.
ހަމައެފަދައިން އެމްޑީޕީއާ އިދިކޮޅު ފިކުރު ކަމަށްވާ ޕީޕީއެމް ފިކުރުގެ މޭސްތިރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. މިއަދު އެ ޕާޓީ އުވާލާފައި އޮތް ނަމަވެސް ޕީއެންސީ އަދި ޕީއެންއެފަކީ ވެސް ހަމަ އެ ފިކުރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވަ އެވެ. އެއީ ޕީއެންސީގެ ޓިކެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަކި ޕާޓީއެއް ގޮތުގައި އެ ޕާޓީ ބޮޑުކުރެއްވި ނަމަވެސް އެވެ. އެމަނިކުފާނާ ޔާމީނާ ދެމެދު ވެސް ޖެހުނީ ޚިޔާލުތަފާތުވުމުގެ ކުންޏެކެވެ. ނަޝީދު ފަދައިން ޔާމީން ވެސް ޕާޓީ ދޫކުރައްވައި ވަޑައިގަތީ އެވެ.
ކަން އެހެން އޮއްވައި އިއްޔެގެ އިންތިހާބަށްފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު މިއަދު ވިދާޅުވީ ޕީއެންއެފް، ޕީޕީއެމް، ޕީއެންސީގެ ވަރަށް ގިނަ ބަޔަކުގެ ހިތުގެ ވިންދު މިއަދު އަވަސްވާނެ ކަމަށެވެ.
އެފަދައިން ވިދާޅުވެ ޖަމީލު ވަނީ ކީރިތި ގުރުއާނުން މިސާލެއް ޖައްސަވައިފައެވެ.
"އެކަމަކު ވިސްނާލައްވާށެވެ. ކީރިތި ގުރުއާނުގެ އަލް އިސްރާ ސޫރަތުގެ 67 ވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވަނީ އިންސާނާގެ ހާލަތެވެ. އިންސާނާ ކަނޑުވެ ހާލުގައި ޖެހޭ ހިނދު އޭނާ ހެއްދެވި ފަރާތްމަތިން ހަނދާންކޮށް ސަލާމަތަށް އެދެއެވެ. އެކަމަކު ހިކިފަސްތަނެއްގައި ފައިޖެހުމާއެކު އެކަލާނގެ މަތިން ހަނދާން ނައްތާލައި ނިއުމަތަށް އިންކާރު ކުރާ ބަޔަކު ކަމުގައި އިންސާނާވެއެވެ." ޖަމީލުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
އެ ޕޯސްޓުގައި ޖަމީލް ވަނީ 4 ކަމެއް ފާހަގަކުރައްވައިފައެވެ. އެއީ އެ ދުވަހު ޕީޕީއެމް/ޕީއެންސީ ގެ ކާމިޔާބާއެކު އެކުގައި ތިބި މީހުންތައް އަމަލު ކުރީ ހަމަ އެގޮތަށް ކަމެވެ. ކާމިޔާބުވުމާއެކު ޔާމީންގެ މަތިން ހަނދާން ނައްތައިލީ ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންކަމުން މިއަދު ބަދަލުވަމުންދާ ސިޔާސީ މަސްރަހުން ލައްކަ އިހުސާސެއް ޕީޕީއެމް ފިކުރުގެ އަހްލުވެރިންގެ ހަނދާނަށް އަންނާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި މި ވެރިކަމުގައި ބޮޑަތި ސިޔާސީ މަގާމުތަކުގައާއި އެމްބަސީ ތަކުގައި ތިބި މިފިކުރު ބަލައި ނުގަންނަ މީހުން މިހާރު ތިބީ ސިއްރުން ހޭންކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޕީޕީއެމް، ޕީއެންއެފް އަދި ޕީއެންސީގެ ސިޔާސީ ފިކުރުގެ ކުރިމަގު ދެންވެސް ކާމިޔާބު ވާނީ ނިއުމަތަށް ޝުކުރު ކުރާ ބަޔަކާއެކު ކަމަށެވެ.
"އެއީ ރައީސް ޔާމީނު! އެއީ އެމަނިކުފާނާއެކު ތިއްބެވި އެތަކެއްހާސް މިފިކުރުގެ ރައްޔިތުން،" ޖަމީލް ވިދާޅުވި އެވެ.
ފޫހިވުމުން ފައިދާ ކުރޭ؟
ޕާޓޭއަށް ކެނަޑާގެ ވިސާއެއް ނުލިބުނު، ފުރަތަމަ މެޗުގައި ނުކުޅެވޭނެ
36 އަހަރުގައި ޓޭލާ ސޯންގްރައިޓާސް ހޯލް އޮފް ފޭމްއަށް!