ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ހަވަނަ އިސްލާހާ ގުޅިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން ބުނިގޮތުގައި، އަލަށް އައްޔަންކުރެވޭ ސީއީއޯގެ އެންމެ އިސް ޒިންމާއަކަށް ވާނީ ދާދިފަހުން ގާނޫނަށް ގެނެވުނު މުހިންމު ބަދަލުތައް ތަންފީޒުކުރުމުގައި އަމަލީގޮތުން އިސްދައުރެއް އަދާކުރެއްވުމެވެ. މިއީ އެ މުއައްސަސާއަށް އަންނަ އެންމެ ބޮޑު އެއް ބަދަލުގެ ވަގުތުކަމަށްވުމާއެކު، މިއީ އޮފީހުގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ގެންދިއުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ. ފަސް އަހަރުގެ ދުވަހަށް އައްޔަންކުރާ މި މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ދޭއްގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ އެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ޕެންޝަނާބެހޭ ގާނޫނުގެ ހަވަނަ އިސްލާހުގެ މައިގަނޑު މަގުސަދަކީ އަސާސީ ޕެންޝަން ދޫކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ. މި ބަދަލުތަކުގެ ތެރޭގައި، ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައްޔާއި، އިންތިހާބީ މަގާމެއް ފުރަމުންދާ މުއްދަތުގައި އަސާސީ ޕެންޝަން މެދުކަނޑާލުން ހިމެނެއެވެ. އަދި ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް އާމްދަނީ ލިބޭ ހާލަތްތަކުގައިވެސް އަސާސީ ޕެންޝަން ދިނުން މަޑުޖައްސާލެވޭނެކަމަށް ގާނޫނުގައި މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންތައްތަކެއް މި އިސްލާހުގައި ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ ފުރުސަތު ދިނުމާއި، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ ދޫކުރުން ހިމެނެ އެވެ.

މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު ފުޅާކުރުން ހިމެނެ އެވެ. މި ބަދަލުތަކާއެކު، ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި އެސެޓްތައް ބެލެހެއްޓުމުގެ އުސޫލުތައްވެސް ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ.