ވޯލްޑް ކަޕްގެ ގުރޫޕް އޭގައި މިއަދު ދެކުނު ކޮރެއާ އަތުން 1-0 އިން މޮޅުވެ، މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ މެކްސިކޯ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. މެކްސިކޯއަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރި ފުރަތަމަ ގައުމެވެ.

މެކްސިކޯގެ ގުއަޑްލަހަރާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 50 ވަނަ މިނިޓުގައި މެކްސިކޯއަށް ކާމިޔާބު ކޮށްދިނީ ލުއިސް ރޯމޯ އެވެ.

މެޗުގެ ފަހުކޮޅު ދެކުނު ކޮރެއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތުގެ ތެރެއިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މެކްސިކޯގެ ގޯލްކީޕަރު ރައޫލް ރަންހެލް ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުން މޮޅުވެ، މެކްސިކޯ ވަނީ ގުރޫޕް އޭގެ އެއްވަަނަ މަގާމު ވެސް ކަށަވަރުކޮށްފަ އެވެ. އެހެންކަމުން، ދެވަނަ ބުރުގައި މެކްސިކޯއަށް އަމިއްލަ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މެކްސިކޯ ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާއިރު، ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ދެކުުނު ކޮރެއާ އެވެ. ދެކުނު އެފްރިކާ އާއި ޗެކިއާ އޮތީ އެއް ޕޮއިންޓާއެކު އެވެ.

މި ގުރޫޕްގައި ރޭ ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގެ ހަ ވަނަ މިނިޓުގައި ޗެކިއާ މިކޭލް ޝަޑިލެކް އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ދެކުނު އެފްރިކާއާށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 83 ވަނަ މިނިޓުގައި ޓެބޯހޯ މޮކޮއެނާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.