ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބައެއް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި އޮޅިގެން އިތުރަށް ދެވުނު ފައިސާ، ހަ މަސް ދުވަސް ފަހުން އަނބުރާ އަތުލަން އެ ކުންފުނިން ފަށައިފި އެވެ.
އިދާރީ ގޮތުން ހެދި މި ގޯސް ފާހަގަވެފައި މިވަނީ އެޗްޑީސީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އަހަރީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، އާންމުކޮށް ބޮޑު ފައިދާއެއް ހޯދަމުން އައި އެޗްޑީސީއަށް 2024 ވަނަ އަހަރު ވަނީ 109 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. ކުންފުނި މާލީ ދަތިކަމެއްގައި ވަނިކޮށް، މިދިޔަ ޑިސެންބަރު މަހު ބެހި ބޯނަހުން ބައެއް މުވައްޒަފުންނަށް ހިދުމަތް ކުރި މުއްދަތަށްވުރެ އިތުރަށް ފައިސާ ޖަމާކުރެވުނު މައްސަލަ މިވަނީ ފެންމަތިވެފަ އެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ފޮނުވި ލިޔުމުން އެނގޭ ގޮތުގައި، ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 18،600 ރުފިޔާ ދީފައިވީ ނަމަވެސް، އޭގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮޅިގެން 15،000 ރުފިޔާއާ ހަމައަށް އިތުރަށް ދެވިފައިވެ އެވެ.
މިކަމާ ގުޅިގެން ބައެއް މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރަމުން ބުނެފައި ވަނީ މިއީ ވެރިންގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށާއި، އޭގެ ބުރަ މުވައްޒަފުން އުފުލަން ޖެހުމަކީ ބޭއިންސާފެއް ކަމަށެވެ.
އެ ކުންފުނިން މުވައްޒަފުންނަށް އަންގާފައި ވަނީ އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމަށް ދެ ގޮތެއް އޮތް ކަމަށެވެ. އެއްގޮތަކީ ޖޫން 26 ގެ ކުރިން ކުންފުނީގެ ބޭންކް އެކައުންޓަށް އެ ފައިސާ އެއްކޮށް ޓްރާންސްފާ ކުރުމެވެ. އަދި އަނެއް ގޮތަކީ އެއް މަސް ދުވަހުގެ ތެރޭގައި އެއްކޮށް، ނުވަތަ ދެ މަހާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކޮންމެ މަހަކު ވަކިވަރެއް މުސާރައިން ކެނޑުމެވެ.
މިދިޔަ އަހަރުގެ ބޯނަސް ދިނުން ލަސްވެގެން މުވައްޒަފުން ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މުވައްޒަފުން ފާހަގަކުރި ގޮތުގައި، މި ސަރުކާރު އައުމުގެ ކުރިން ކޮންމެ އަހަރެއްގެ ވެސް ޖުލައި ނުވަތަ އޯގަސްޓް މަހާ ހިސާބުގައި ބޯނަސް ލިބެއެވެ. ނަމަވެސް، ނިމިދިޔަ އަހަރު ބޯނަސް ބަހަން ފެށުނީ ވަރަށް ބޮޑަށް ލަސްވެ، ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ދިގު އިންތިޒާރަށްފަހު ލިބުނު ފައިސާ ވެސް، އިދާރީ ހެދި ގޯހެއްގެ ސަބަބުން އަނބުރާ އަތުލަން ޖެހުމުން މުވައްޒަފުންގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ.
މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓް ކުރޭ: މިނިސްޓްރީ
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ