ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި ރޭ އައިވަރީ ކޯސްޓް އަތުން 2-1 އިން މޮޅުވެ، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ޖަރުމަން ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް، އެއީ އުފާފާޅުކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ޖަރުމަންގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕާއި 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ވެސް ޖަރުމަން ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.
ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޖަރުމަނުން ރޭ އައިވަރީ ކޯސްޓް އަތުން މޮޅުވީ ފަހަތުން އަރައި ޖެހި ދެ ލަނޑުންނެވެ.
މެޗުގެ 30 ވަނަ މިނިޓުގައި އައިވަރީ ކޯސްޓްގެ ފްރޭންކް ކެސީ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް، މެޗުގެ 68 ވަނަ މިނިޓުގައި ޖަރުމަންގެ ޑެނިޒް އުންޑާވް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އުންޑާވް ވަނީީ އިތުރު ލަނޑެއް ޖަހައި ޖަރުމަނަށް މެޗުން ތިން ޕޮއިންޓް ހޯދައިދީފަ އެވެ.
މެޗަށްފަހު ޖަރުމަންގެ ކޯޗު ނާގެލްސްމަން ބުނީ ދެވަނަ ބުރަށް ދިއުމަކީ މާ ބޮޑަށް އުފާފާޅުކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
"އަހަރަމެން އަމާޒަކީ މިއަށްވުރެ މާ ބޮޑު ކާމިޔާބެއް. މި ވަގުތު އެންމެ މުހިންމު ކަމަކީ ދެން ކުރިއަށް އޮތް މެޗުތަކަށް ވިސްނުން،" ނާގެލްސްމަން ބުންޏެވެ.
"މިއަދު މި ލިބުނީ އަހަރެން އުންމީދުކުރި ނަތީޖާއެއް،" އޭނާ އިތުރަށް ބުންޏެވެ.
މި ގުރޫޕްގައި ރޭ އިކުއެޑޯ އާއި ކުރަސާއޯ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ.
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟
ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ