ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބަޖެޓުން އައު މަޝްރޫއުތަކަށާއި ކަންކަމަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅަން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކަށް އަންގައި، އައު މަޝްރޫއުތަކާއި އާމްދަނީ އިތުރުކުރެވޭނެ ކަންކަން ހުށަހަޅަން ދެ މަސް ދީފި އެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ސޮއިކުރައްވައި ދައުލަތުގެ އޮފީސްތަކަށް ފޮނުއްވި ސާކިއުލާއެއްގައިވާ ގޮތުން، 2027 އިން 2029 އަށް އެކުލަވައިލާ މެދުރާސްތާގެ ބަޖެޓުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް މިނިސްޓްރީން މިހާރު ވަނީ ރަސްމީކޮށް ފަށާފަ އެވެ. ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމާއެކު، ތަރައްގީގެ އައު ހަރަކާތްތަކަށް ބަޖެޓުން ޖާގަ ހޯދުމަކީ މި މަރުހަލާގެ މައިގަނޑު ބޭނުމެވެ.
އެގޮތުން ވުޒާރާތަކުން ހުށަހަޅާ އައު މަޝްރޫއުތަކަކީ ސަރުކާރުގެ މެނިފެސްޓޯއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސިޔާސަތުތައް ތަންފީޒުކުރެވޭނެ ފަދަ ބޭނުންތެރި ކަންކަމަށް ވާންޖެހެ އެވެ. އަދި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ހިފެހެއްޓުމަށްޓަކައި، މެދުރާސްތާގައި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތަކާއި، އާމްދަނީގެ ސިޔާސަތަށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެ ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވައިލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ އެވެ. އެހެންކަމުން ހުށަހަޅާ މަޝްރޫއަކީ މޫސުމީ ބަދަލުތަކާ ގުޅުންހުރި ކަމެއް ނަމަ، އެކަމުގެ ހަރަދުތައް ސާފުކޮށް ބަޔާންކުރަންޖެހެ އެވެ.
އެ ސާކިއުލާގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އަންނަ އޮގަސްޓް މަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުރިހާ ޕްރޮޕޯސަލްތަކެއް ހުށަހަޅަންޖެހެ އެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް އަތުލައިފި
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ސްވިޒަލޭންޑުގައި ފަށައިފި