ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.
އައިއެމްއެފްއިން ބުނިގޮތުގައި ރާއްޖޭގެ ދައުލަތުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 125.4 އިންސައްތައިގަ އެވެ. މިއީ މުޅި ސަރަހައްދަށް ބަލާއިރު ވެސް އެންމެ މަތީ އަދަދެވެ. ރާއްޖެއަށް ފަހު ދެން އެންމެ ދަރަނި ބޮޑީ ބޫޓާނުގަ އެވެ. އެ ގައުމުގެ ދަރަނި ހުރީ ޖީޑީޕީގެ 103.6 އިންސައްތައިގަ އެވެ.
ހަމައެއާއެކު ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާގެ ދަރަނި ހުރީ 84.1 އިންސައްތައިގަ އެވެ. މީގެ އިތުރުން ޕާކިސްތާނުގެ ދަރަނި 72.8 އިންސައްތައިގައި އުޅޭއިރު، ނޭޕާލްގެ ދަރަނި ރެކޯޑު ކުރެވިފައި ވަނީ 48.1 އިންސައްތައިގަ އެވެ.
މި ހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝް ފާހަގަކުރެވެނީ ދެކުނު އޭޝިއާ ސަރަހައްދުން ސަރުކާރުގެ ދަރަނި އެންމެ ކުޑަ އެއް ގައުމުގެ ގޮތުގަ އެވެ. އެ ގައުމުގެ ދައުލަތުގެ ދަރަނި އުޅެނީ ޖީޑީޕީގެ އެންމެ 42 އިންސައްތައިގަ އެވެ. މިއީ އިންޑިއާއާއި ޕާކިސްތާނު ފަދަ ސަރަހައްދީ ބޮޑެތި ބާރުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.
ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓަށް ވެސް ވަނީ ބުރަވެފަ އެވެ. ހަމައެއާއެކު ދަރަނީގެ ސަބަބުން އުފެއްދުންތެރިކަން ވަރުގަދަކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މީގެ ކުރިން ވެސް އައިއެމްއެފުން ވަނީ ލަފާދީފަ އެވެ.
އަސްކަރީ ކުންފުންޏެއް ކަމަށް ކަނޑައެޅުމުން އަލީބާބާއިން ކޯޓަށް
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
އަނގައިގެ ކެންސަރުގެ ނުރައްކާ އެންމެންނަށް ވެސް އެބައޮތް!