ލޮލަށް ފުސްއެރުން ނުވަތަ ކެޓަރެކްޓްއަކީ އާއްމު ގޮތެއްގައި އުމުރުން ދުވަސްވުމުން ލޮލުގެ ގުދުރަތީ ލެންސްގެ ސާފުކަން ގެއްލި، ފެނުން ފުސްވާ ބައްޔެކެވެ. ނަމަވެސް، މިއީ ހަމައެކަނި މުސްކުޅިވުމުން ދިމާވާ ކަމެއް ނޫން ކަމަށް މާހިރުން މިހާރު ވިދާޅުވެ އެވެ.

މުމްބާއީގެ ޑރ. އަގަރްވާލްސް އައި ހޮސްޕިޓަލުގެ އައި ސާޖަން ޑރ. ސޯނަލް ދެސާއީ ހާމަކުރެއްވި ގޮތުގައި، ހަކުރުބަލި އަދި ލޭގެ ޕްރެޝަރު މަތިވުން ފަދަ ދާއިމީ ބަލިތަކުގެ ސަބަބުން، އުމުރުން ދުވަސްވުމުގެ ކުރިން މާ އަވަހަށް ލޮލަށް ފުސް އެރުމުގެ މައްސަލަ ކުރިމަތިވެ އެވެ.

ޑރ. ސޯނަލް ވިދާޅުވި ގޮތުގައި، ހަކުރުބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ދާއިމީކޮށް މަތީގައި ހުރުމުން، ލޮލުގެ ލެންސަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ލޭގެ ހަކުރު އަވަސްއަވަހަށް މަތިވެ ތިރިވުމުގެ ސަބަބުން ލޮލުގެ ލެންސް ދުޅަވެ، ފެނުމަށް ކުރު މުއްދަތުގެ ބަދަލުތައް އާދެ އެވެ.

މީގެ ސަބަބުން އައިނުގެ ނަންބަރު އަވަސް އަވަހަށް ބަދަލު ކުރަން ޖެހެ އެވެ. މިކަން ދިގު މުއްދަތަކަށް ހިނގަމުން ދިއުމުން، ލެންސްގެ ސާފުކަން މުޅިން ގެއްލި 40 ނުވަތަ 50 ގެ އަހަރުތަކުގައި ކެޓަރެކްޓް އުފެދެން މެދުވެރިވެ އެވެ.

ހަމައެއާއެކު، ލޭގެ ޕްރެޝަރު މަތިވުމަކީ ވެސް ލޮލުގެ ސިއްހަތަށް ހުރި ބޮޑު ނުރައްކަލެކެވެ. އެކަމަށް ފަރުވާ ނުކުރެވި ގިނަ ދުވަސް ވުމުގެ ސަބަބުން ހަށިގަނޑުގެ ލޭހޮޅިތަކަށް ގެއްލުން ވާއިރު، ލޮލަށް ލޭ ފޮނުވައިދޭ ހޮޅިތަކަށްވެސް އޭގެ ނޭދެވޭ އަސަރުކުރެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ލޭގެ ޕްރެޝަރު މަތިވުމަކީ އުމުރާ ގުޅިގެން އަންނަ ކެޓަރެކްޓް މާ އަވަހަށް ހަށިގަނޑުގައި އުފެދުމަށް މަގުފަހި ކޮށްދޭ ކަމެކެވެ. ހާއްސަކޮށް ހަކުރުބައްޔާއި ލޭގެ ޕްރެޝަރު މަތިވުމަށް އެކުގައި ފަރުވާކުރާ މީހުންނަށެވެ.

މި ދެ ބަލީގެ ސަބަބުން ލޮލަށް ފުސް އެރުން އަވަސްވުމުގެ އިތުރުން، ލޮލުގެ ފެނުން މުޅިން ނެތިކޮށްލާ ފަދަ ނުރައްކާތެރި އެހެން ބަލިތައް ކަމަށްވާ "ޑައިބެޓިކް ރެޓިނޯޕަތީ" (ލޮލުގެ ފަހަތު ފަށަލައަށް ގެއްލުންވުން) އަދި "ގްލުކޯމާ" (ލޮލުގެ ޕްރެޝަރު މަތިވުން) ފަދަ ބަލިތައްވެސް އެކީގައި ކުރިމަތިވުން ގާތެވެ.

ލޮލުގެ ހާއްސަ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އޮތް އެންމެ އުފާވެރި ޚަހަބަރަކީ ކެޓަރެކްޓް އަކީ ޒަމާނީ ސާޖަރީގެ އެހީގައި ފަސޭހައިން ރަނގަޅު ކުރެވޭ ބައްޔެއް ކަމެވެ.

ނަމަވެސް، ލޮލުގެ ފެނުން ދާއިމީކޮށް ސަލާމަތްކުރުމަށްޓަކައި ހަކުރާއި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުން މުހިއްމެވެ. ހާއްސަކޮށް އުމުރުން 40 އަހަރުން މަތީގެ މީހުން، އެއްވެސް އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް، މަދުވެގެން އަހަރަކު އެއްފަހަރު ލޮލުގެ ފުރިހަމަ ޗެކަޕެއް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.