އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުން މިހާރު ކުރިއަށްދާ 2026 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ ހަނދަށް ފުޓްބޯޅައެއް ފޮނުވުމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ވައުދު ވެއްޖެ އެވެ.
މި އާދަޔާހިލާފު ހުށަހެޅުން އިއުލާން ކުރެއްވީ ނާސާގެ އިސްވެރިޔާ ޖެރެޑް އައިޒަކްމަން އެވެ. ހަނދުގައި ބޭސްއެއް ގާއިމު ކުރުމަށް ނާސާއިން ކުރިއަށް ގެންދާ އާޓެމިސް ޕްރޮގްރާމާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، މިއީ އެމެރިކާ ޓީމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ނާސާގެ ވެރިޔާ ވަނީ 1971 ވަނަ އަހަރުގެ އެޕޮލޯ 14 މިޝަންގައި އެމެރިކާގެ އެސްޓްރޮނޮޓް އެލަން ޝެޕަޑް ހަނދުގެ މަތީގައި ގޮލްފް ކުޅުނު ހާދިސާ ހަނދާން ކޮށްދީފަ އެވެ. އެފަހަރު އެލަން ޝެޕަޑް ވަނީ ސިއްރުން ގޮލްފް ކްލަބަކާއި ދެ ގޮލްފް ބޯޅަ ހަނދަށް ގެންގޮސް، އެތަނުގައި ގޮލްފް ޝޮޓްތަކެއް ޖަހާފަ އެވެ.
"އަހަރެމެން މިފަހަރު އެލަން ޝެޕަޑްއަށްވުރެ މާ ކުރިއަށް ދާނަން. އެމެރިކާއިން ވޯލްޑް ކަޕް ހޯދައިފި ނަމަ، އަހަރެމެން ހަނދަށް ފުޓްބޯޅައެއް ފޮނުވާނަން. އެހެންވީމާ މިއީ ޓީމް ޔޫއެސްއޭއަށް އޮތް ގޮންޖެހުމެއް، ގޮސް މުބާރާތް ކާމިޔާބުކުރޭ!" ޖެރެޑް ވިދާޅުވި އެވެ.
ނާސާގެ މޫން ބޭސް ޕްރޮގްރާމް މެނޭޖަރު ކާލޮސް ގާސިއާ-ގަލަން ވެސް ވަނީ މިކަމަށް ތާއީދު ކޮށްފަ އެވެ. އޭނާ ބުނީ ފުޓްބޯޅައަކީ ލުއި އެއްޗަކަށް ވުމުން، ހަނދަށްދާ އުޅަނދުގެ ޕޭލޯޑް ތެރެއިން އެއަށް ޖާގަ ހޯދުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
މިއީ 2026 ގެ ވޯލްޑް ކަޕާ ގުޅިގެން ނާސާއިން މިއުޒިކް ނުވަތަ ކުޅިވަރުގެ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި މުބާރާތް ފާހަގަ ކުރުމުގެ ގޮތުން، ނާސާއިން ވަނީ މުބާރާތުގެ ރަސްމީ ބޯޅަ "ޓްރިއޮންޑާ" ބައިނަލްއަގުވާމީ ޖައްވީ އިދާރާއަށް ފޮނުވާފަ އެވެ. އަދި ޖައްވީ ބާރުމިނުގެ ތެރޭގައި އެސްޓްރޮނޮޓުން އެ ބޯޅައިން ކުޅޭ ވީޑިއޯއެއް ވެސް ނާސާއިން ދާދި ފަހުން އާއްމުކުރި އެވެ.
ނަމަވެސް، އެމެރިކާގެ ފިރިހެން ޓީމަށް މި ތާރީހީ ކާމިޔާބީ ހޯދުމަކީ ބޮޑު "މޫންޝޮޓެއް" (އުނދަގޫ ކަމެއް) ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެ
މެރިކާގެ އަންހެން ޓީމުން 4 ފަހަރު ވޯލްޑް ކަޕް ހޯދާފައިވީ ނަމަވެސް، ފިރިހެން ޓީމަށް މިހާތަނަށް މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
އެހެންނަމަވެސް، މިއަހަރުގެ މުބާރާތުގައި އެމެރިކާ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށްފަހު، އެމެރިކާ ވަނީ ފުރަތަމަ ނޮކްއައުޓް ބުރުގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ 2-0 އިން ބަލިކޮށް، ފާއިތުވި 24 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގަދަ 16ގެ ބުރަށް ދަތުރު ކޮށްފަ އެވެ. އެމެރިކާ ދެން ބައްދަލު ކުރާނީ ބެލްޖިއަމްއާ އެވެ.
ބީއެމްއެލް އާއި މާސްޓަ ކާޑު ގުޅިގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
ހޯރަފުއްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން