ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި އާންމުންނަށް ޑޮލަރު ލިބުން ދަތިވެފައިވާ މައްސަލައަކީ އިދިކޮޅު އެމްޑީޕީގެ ދެ ސަރުކާރުން ގެންގުޅުނު އިގުތިސާދީ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
މިހާރުގެ ސަރުކާރުން ޑޮލަރުގެ އަގު ހިފެހެއްޓުމަށާއި ކަޅު ބާޒާރު ނައްތާލުމަށް ވައުދުވެފައިވީ ނަމަވެސް ފާއިތުވި މަސްތަކުގައި ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފަ އެވެ. ބޭރުން މުދާ އެތެރެކުރުމަށް ބަރޯސާވެފައިވާ ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އާންމުންނާއި ވިޔަފާރިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ވަނީ ޑޮލަރުގެ އަގު އުފުލެމުންދާތީ އެކަމާ ގުޅޭގޮތުން މިނިސްޓަރު ސައީދާ ސުވާލުކުރައްވައިފަ އެވެ. މި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވެގެން ދިޔައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމުން ކަމަށެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ ރޭޓު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އެޅި ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު މިއަދާ ހަމައަށް ވެސް ރައްޔިތުން އުފުލަން ޖެހިފައިވާ ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.
ސައީދު ވިދާޅުވިގޮތުގައި 2011 ވަނަ އަހަރު ޑޮލަރުގެ އަގު ފްލޯޓް ކުރުމަށް ނިންމި ނިންމުމާ ގުޅިގެން ޑޮލަރުގެ ރަސްމީ އަގު 15.42 ރުފިޔާއަށް އެރި ކަމަށާއި އޭގެ ކުރިން ރޭޓު ހުރީ 12.85 ރުފިޔާގައެވެ. އަދި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނު ސަސްޕެންޑްކޮށް ފައިސާ ޗާޕުކުރުމުގެ ނަތީޖާއާ މިއަދު ބައްދަލުކުރަން ޖެހިފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރާއްޖެ ދަރަނިވެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިތުބާރު ހުރި އިގުތިސާދެއް ގާއިމުކުރުން ކަމަށް ސައީދު ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެނަމަ ޑޮލަރުގެ ރޭޓް ރަސްމީ ރޭޓަށް ތިރިވާނެ ކަމަށް ސައީދު ވަނީ ކެމްޕޭން ތެރޭގައި ވިދާޅުވެފަ އެވެ.
ރާއްޖެއިން ފޭކް ޑާޒަލެކްސް އިންޖެކްޝަންތަކެއް ފެނިއްޖެ
ޕެނަލްޓީ ޖަހައިގެން ދިރާގުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު
މެކްސިކޯ ކަޓުވާލައި، އިންގްލެންޑް ކުއާޓާ އަށް
