ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މިންވަރު އިތުރުވަމުންދާތީ، އެކަން ތަކުރާރު ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އާންމުންނަށް އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފައިމަގުގައި އުޅޭ މީހުންނަށް ދަތިވާގޮތަށް ދުވާރުމައްޗަށް އަރާގޮތަށް ސައިކަލާއި އެހެނިހެން އުޅަނދުތައް ޕާކުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މަގުމަތީގައި އުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އުޅަނދު ދުއްވުމަކީ އަދި ޕާކުކުރުމަކީވެސް ގާނޫނީ ގޮތުން މަނާކަމެކެވެ. ނަމަވެސް، ކުޑަކުދިން ގޮވައިގެން އުޅޭ ޕްރޭމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފަދަ ތަކެތި މި ގާނޫނުން އިސްތިސްނާވާނެ އެވެ.
މީގެ އިތުރުން ފުލުހުން ވަނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އާންމުންނަށް ފަސޭހައިން އުޅެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.
ދުވާރުމަތީގައި ޕާކުކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށާއި، އާންމު މަސްލަހަތު އިސްކޮށް، ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ހައްގުތަކަށް އިހުތިރާމުކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މުޖުތަބާ ފިޔަވާ ހުރިހާ ދަރިކަލުން ހާމަނާއީގެ ޖަނާޒާގައި
ޕެނަލްޓީ ޖަހައިގެން ދިރާގުން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު
އެމެރިކާއަށް ވޯލްޑް ކަޕް ލިބިއްޖެނަމަ ހަނދަށް ބޯޅައެއް ފޮނުވަނީ!
