ރާއްޖޭގެ ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު އެއްކޮށް ނިމޭނެ ވަކި ތާރީހެއް ދެއްވަން ދަތިކަމަށާއި، ނަމަވެސް ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން ގިނަ ސްކޫލްތަކުގައި އޭސީ ހަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހިންގާ 217 ސްކޫލްގެ ތެރެއިން މިހާތަނަށް 61 އިންސައްތަ ސްކޫލްތަކުގައި އޭސީ ހަރުކޮށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ސްކޫލްތަކަށް ބޭނުންވާ އޭސީތައް ފޮނުވައި ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަޝްރޫއު ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ބައެއް ސްކޫލްތަކަކީ 45 އަހަރަށްވުރެ ދުވަސްވެފައިވާ އިމާރާތްތަކަށް ވުމާއެކު، ކަރަންޓު ވިއުގަ ރަނގަޅުނުކޮށް އެ ތަންތަނުގައި އޭސީ ހަރުކުރެވެން ނެތް ކަމަށެވެ. މި ގޮންޖެހުންތަކާއެކުވެސް، ސަރުކާރުގެ އަމާޒަކީ ދެވަނަ ޓާމު ފެށެންވާއިރަށް ވީހާވެސް ގިނަ ސްކޫލްތަކެއްގެ މަސައްކަތް ނިންމާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ސްކޫލްތައް އޭސީކޮށް ނިންމާނެކަމަށް ސަރުކާރުން މީގެކުރިން އިއުލާންކޮށްފައިވެ އެވެ. ޖެނުއަރީ 22، 2025 ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އެ އަހަރުގެ ސެޕްޓެމްބަރަށް އޭސީކޮށް ނިންމަވާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ފުރަތަމަ ފެށީ ޖޫން 2، 2024 ގަ އެވެ. އެއަށްފަހު، އެ އަހަރުގެ ޖޫން 12 ގައި 55 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރުމަށްފަހު، ނޮވެމްބަރު މަހު ބީލަމަކާ ނުލައި 58.4 މިލިއަން ރުފިޔާއަށް އެސްޓާސްއާ ވަނީ ހަވާލުކޮށްފަ އެވެ.
ރިޝްވަތުގެ މައްސަލައެއްގައި ޗައިނާގެ އޮފިޝަލަކަށް މަރުގެ އަދަބު
އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުމާލޭގައި ހުޅުވައިފި
