ކަރަންޓުގެ އަގުހެޔޮ ކުރުމަށް މިދިޔަ އަހަރު އިތުރަށް 453 މިލިއަން ހަރަދުކުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
މިކަމަށް އިތުރު ހަރަދު ހިނގާފައި މިވަނީ ކަރަންޓާއި ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީގެ ބުރަ ބޮޑުވުމާ ގުޅިގެން އިސްލާހުތައް ގެނައުމަށް މިދިޔަ އަހަރު ނިންމި ނަމަވެސް އެ އިސްލާހުތައް ނުގެނެވި އުޅެނިކޮށެވެ.
ދައުލަތުގެ މާލީ ބުރަ ކުޑަކުރުމުގެ މަގްސަދުގައި އެންމެނަށް ދެމުން އައި ސަބްސިޑީ، ހަމައެކަނި އެހީ ބޭނުންވާ މީހުންނަށް ޑައިރެކްޓްކޮށް ދޭ ގޮތަށް ބަދަލުކޮށް ބަޖެޓުން 2.4 ބިލިއަން ރުފިޔާ އުނިކުރަން ފުރަތަމަ ރޭވި އެވެ. ނަމަވެސް ރައްޔިތުންނަށް މިހާރު ލިބެމުންދާ ލުއިތައް ހިފެހެއްޓެވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފަހުން ނިންމެވީ އެ އިސްލާހުތައް ތަންފީޒު ނުކުރެއްވުމަށެވެ.
މި ނިންމުމާ އެކު ބަޖެޓުގައި ކަރަންޓު އަގުހެޔޮކުރަން ކަނޑައެޅި 379 މިލިއަން ރުފިޔާގެ ބަދަލުގައި އަހަރު ނިމުނުއިރު 832 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއީ ކަނޑައެޅި ބަޖެޓަށްވުރެ 119 ޕަސެންޓް އިތުރު އަދަދެކެވެ. ހަމައެގޮތަށް ކާބޯތަކެތީގެ ސަބްސިޑީއަށް ވެސް ކަނޑައެޅި 93 މިލިއަންގެ ބަދަލުގައި 383 މިލިއަން ރުފިޔާ ހަރަދުވެ، ބަޖެޓު ވަނީ 312 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
މިދިޔަ އަހަރަކީ ފާއިތުވި 13 އަހަރުގެ ތެރޭގައި މުދަލުގެ އަގުތައް އެންމެ ބޮޑަށް އުފުލުނު އަހަރު ކަމަށްވާއިރު، ކާބޯތަކެތީގެ އަގުތައް އެކަނި ވެސް 4.7 ޕަސެންޓަށް ވަނީ މަތިވެފަ އެވެ. ރާއްޖޭގެ ދަރަނި ހުރި ގޮތުން ސަބްސިޑީ ނިޒާމު އިސްލާހުކުރަން ބައިނަލްއަގުވާމީ އިދާރާތަކުން ބާރުއަޅަމުންދާއިރު، ކަރަންޓު އުފެއްދުމަށް ބޭނުންވާ ތެޔޮ ސްޓެލްކޯ އަދި ފެނަކައަށް ބާޒާރު އަގަށްވުރެ ހެޔޮކޮށް ފޯރުކޮށްދިނުމަށާއި، ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ދައުލަތުން ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
މި ބޮޑު ހޭދަ ކުޑަކުރުމުގެ ގޮތުން، މި އަހަރުގެ ބަޖެޓުގައި ވަނީ ޑީސަލްގެ ބަދަލުގައި އެލްއެންޖީ ބޭނުންކުރުމާއި އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ރާވާފަ އެވެ. މިގޮތުން މާލެ ސަރަހައްދުގެ ކަރަންޓު އުފެއްދުން އެލްއެންޖީއަށް ބަދަލުކުރެވިއްޖެ ނަމަ، މި ސަރަހައްދަށް ކުރާ ހޭދަ އެއްކޮށް ހުއްޓާލެވި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދައުލަތަށް 13.9 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ހޯރަފުއްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
ސްކޫލްތައް އޭސީކޮށް ނިމޭނެ ތާރީހެއް ނޭނގޭ: މިނިސްޓަރު
އަންހެނުންނަށް ހާއްސަ ސެލޫނެއް ހުޅުމާލޭގައި ހުޅުވައިފި