ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހަތް ކިލޯމީޓަރުގެ މި ބޮޑު ބްރިޖުގެ މަސައްކަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށްގޮސްފަ އެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި ވަގުތު އެންމެ ބާރަށް ހިނގަމުންދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި އިންސްޓޯލްކުރުމުގެ މަސައްކަތެވެ. އެގޮތުން ބްރިޖަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 ޕަސެންޓް ސެގްމަންޓް ކާސްޓްކޮށް ނިމިފައި ވާއިރު، އޭގެ ތެރެއިން 72.9 ޕަސެންޓް ސެގްމަންޓް މިހާރު ވަނީ ބްރިޖުގައި ހަރުކޮށް ނިންމާފަ އެވެ.

މީގެ އިތުރުން ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީ ސަރަހައްދުގައި ކުރަމުންދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތަކެވެ.

ދެ ލޭނު ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ބްރިޖުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، މި ޕްރޮޖެކްޓް ކުރިއަށް ދަނީ އެންމެ މަތީ ފެންވަރުގައި ކަމަށް ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ ކުރިން ވިދާޅުވެފައިވެ އެވެ. އޭނާ ލަފާކުރައްވާފައިވާ ގޮތުގައި ބްރިޖުން މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ބައިގެ ސެގްމަންޓުތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ އެވެ.