ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ މިއަދު ސަސްޕެންޑުކޮށްފި އެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި، އަލީ މުސްތަފާ ސަސްޕެންޑުކުރަން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. އޭނާ ސަސްޕެންޑުކޮށްފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި ނިންމުމާއެކު، ވަކި ގޮތެއް އަންގަންދެން 60 ދުވަހުގެ މުއްދަތަށް އޭނާ ވަނީ މަސައްކަތުން އެކަހެރިކޮށްފަ އެވެ. ފަނޑިޔާރުންނާއި ގާޒީންގެ މައްސަލަތައް ބަލަމުންދާއިރު، އެ ފަރާތްތައް ސަސްޕެންޑުކުރުމުގެ ބާރު ޖޭއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިގެންވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިންވެސް ޖޭއެސްސީން ވަނީ މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މެދު މިފަދަ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން އެންމެ ފަހުން ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދު، މަހާޒް އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރު ހިމެނެއެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.