މަޝްހޫރު ކޮމެޑީ ސީރީޒް "ދަ ބިގް ބޭންގް ތިއަރީ"ގައި ޝެލްޑަން ކޫޕާގެ ރޯލުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އެމީ އެވޯޑް ކާމިޔާބު ކޮށްފައިވާ އެކްޓަރު ޖިމް ޕާސަންސް، އެ ސީރީޒްގައި އޭނާ ކުޅުނު ހާއްސަ ރޯލާ ގުޅޭގޮތުން އަސަރުގަދަ ވާހަކަތަކެއް ވަނީ ހިއްސާ ކޮށްފަ އެވެ.

12 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ދެއްކި މި ސީރީޒަކީ އޭނާގެ އެކްޓިން ހަޔާތުގެ އެންމެ ބޮޑު ތިލަފަތް ކަމުގައި ފާހަގަ ކުރަމުން ޕާސަންސް ބުނީ، ޝެލްޑަންގެ ކެރެކްޓާއަކީ އޭނާގެ ހިތާ އެންމެ ކައިރި، އަދި އެންމެ ގަޔާވެގެން ކުޅުނު އެއް ރޯލު ކަމަށެވެ.

އެ ސީރީޒްގައި ކުޅުނު ރޯލުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު ބޮޑު ތަރުހީބާއި ލޯތްބަކީ އޭނާގެ ހަޔާތުގައި އަބަދުވެސް އުފަލާއެކު ހަނދާން ކުރާނެ އަގު ނުކުރެވޭނެ ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ.

ސީރީޒް ނިންމާލަން ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށްވީ ނަމަވެސް، އެއީ އެ ކެރެކްޓާއާއި ސީރީޒްއަށް ވެސް އެންމެ އެކަށީގެންވާ ރަނގަޅު ވަގުތު ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ޝެލްޑަންގެ ރޯލުން އަހަންނަށް ލިބުނު ފުރުސަތުތަކާއި އާންމުންގެ ތަރުހީބަށް އަބަދުވެސް ޝުކުރުވެރިވަން. ނަމަވެސް، އެކްޓަރެއްގެ ހައިސިއްޔަތުން އާ ގޮންޖެހުންތަކާ ކުރިމަތިލައި، އާ ކަންތައްތަކެއް ތަޖުރިބާ ކުރުމަކީ ކުރިއަށްދާން ބޭނުންވާ ކަމެއް." ޖިމް ބުންޏެވެ.

އެއާއެކު 12 އަހަރު ވަންދެން އެއް ކެރެކްޓާއެއް ކުޅުން ވެގެން ދިޔައީ ނަފްސާނީ ގޮތުން އޭނާ ވަރަށް "ވަރުބަލި ކޮށްލި" ކަމެއް ކަމަށާއި އެންމެ ފަހު ސީޒަންގައި އެޕިސޯޑަކަށް ލިބުނު އެއް މިލިއަން ޑޮލަރުގެ އުޖޫރައަކީ ވެސް އެ ޝޯއިން އޭނާއަށް ލިބުނު ހާސްކަމާ ނުބައްދަލު އާމްދަނީއެއް ކަމަށް އޭނާ ބުންޏެވެ.

ޖިމް އިތުރަށް ފާހަގަކުރި ގޮތުގައި، "ދަ ބިގް ބޭންގް ތިއަރީ" އިން އޭނާއަށް ލިބުނު މަޝްހޫރުކަމާއި ތަޖުރިބާގެ ސަބަބުން، "ޓައިޓޭނިކް" ފަދަ ބްރޯޑްވޭގެ ބޮޑެތި މިއުޒިކަލްތަކުން ތަފާތު ކެރެކްޓާތައް ކުޅުމުގެ ފުރުސަތުތައް މަގުފަހިވި އެވެ.

ޓީވީ ސީރީޒެއްގައި 12 އަހަރު ވަންދެން އެއް ކެރެކްޓާއެއްގެ ރޯލު ކުޅުމަށްފަހު، އަލުން ބްރޯޑްވޭ ތިއޭޓަރަށް އެނބުރި އައީ އެކްޓިންގެ އާ ގޮންޖެހުންތަކާ ކުރިމަތިލައި، ތަފާތު ރޯލުތައް ތަޖުރިބާ ކުރުމުގެ ބޭނުމުގަ އެވެ.