ސިއްހީ ދާއިރާގެ މަޝްރޫއުތައް ހުއްޓިފައި ހުރި ނަމަވެސް، އެ ތަންތަނުގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީހަށް ނިންމައިލެވޭނެ ކަމަށް ހެލްތު މިނިސްޓަރު، ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތައް އެންމެ ބޮޑަށް އަމާޒުވީ ރަށްރަށުގައި ހުއްޓިފައިވާ ސިއްހީ މަޝްރޫއުތަކާ ގުޅޭގޮތުންނެވެ. ނަމަވެސް އެ މަސައްކަތްތައް ހުއްޓެން މެދުވެރިވި ސަބަބުތައް ސާފުކޮށްދެއްވުމުގެ ބަދަލުގައި މިނިސްޓަރު ގީލާ އިސްކުރެއްވީ މަޝްރޫއުތަކުގެ ތަފުސީލުތައް ހިއްސާކުރެއްވުމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތްތައް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.

"އިއްޒަތްތެރި މެންބަރަށް ދަންނަވާލާނީ އަޅުގަނޑުމެން އަމާޒުކޮށްފައި މި އޮތް ތާރީހަށް އެ މަރުކަޒު، އެ މަސައްކަތް ވެސް ފުރިހަމަކުރެވިގެން ދާނެ ކަމަށް،" މަޝްރޫއަކާ ބެހޭ ގޮތުން ސުވާލުކުރެއްވުމުން ގީލާ ވިދާޅުވި އެވެ.

ހަމައެއާއެކު ގިނަ ރަށްރަށުގައި ބިންގާއެޅުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން މެންބަރުން ފާހަގަކުރެއްވި ނަމަވެސް، މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ތާވަލާ އެއްގޮތަށް ކަންކަން ނިމޭނެ ކަމުގެ ވާހަކަ އެވެ.

މަޝްރޫއުތައް ތާވަލަށް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ ދުވެލި ލަސްވެ މަސައްކަތްތައް ހުއްޓެމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ކޯފާ އިސްކުރައްވައި، ވަޒީރުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ. އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި، މަޝްރޫއުތައް ނުހިނގަނީ ވަޒީރުންގެ ފަރުވާކުޑަކަމުން ކަމަށް ރައީސް ތުހުމަތުކުރެއްވި އެވެ.

ވަކިން ހާއްސަކޮށް، ފައިސާ ހަމަނުޖެހި ހުރި މަޝްރޫއުތަކާ ގުޅިގެން މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރައީސް ވަނީ ތުހުމަތުގެ އިނގިލި ދިއްކުރައްވާފަ އެވެ.