ޕެރަމައުންޓް ސްކައިޑާންސް އާއި ވާނާ ބްރަދާސް ޑިސްކަވަރީ އެއްކޮށްލުމަށް ރޭވި 110 ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރި މުއާމަލާތް ހުއްޓުވަން ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ކުރައްވާ މަސައްކަތްތަކާ ގުޅިގެން، އެ ކުންފުނީގެ އޮޕަރޭޝަންތައް ކެލިފޯނިއާ އިން އެހެން ސަރަހައްދަކަށް ބަދަލު ކުރާނެކަމުގެ އިންޒާރު ޕެރަމައުންޓުން ދީފި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޕެރަމައުންޓްގެ ސީއީއޯ ޑޭވިޑް އެލިސަން ވަނީ މި މައްސަލައިގައި ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ރޮބް ބޮންޓާ ޝަރީއަތުން ބޭރުން ސުލްހައިގެ ވާހަކަތަކަށް އެއްބަސް ނުވެއްޖެނަމަ، އޮކްޓޯބަރު 1 އިން ފެށިގެން ކުންފުނީގެ މައި އޮފީހާއި މަސައްކަތްތައް ކެލިފޯނިއާ އިން ބަދަލު ކުރުމުގެ ފަސް އަހަރުގެ ޕްލޭން ތަންފީޒު ކުރަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އިންޒާރަށް ރައްދު ދެއްވަމުން ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ރޮބް ބޮންޓާ ވަނީ ޕެރަމައުންޓްގެ މި އަމަލަކީ "ބްލެކްމެއިލް" ކުރުން ކަމަށް ސިފަ ކުރައްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮންޓާ ވިދާޅުވީ، ޤާނޫނާ ޚިލާފު އެއްބަސްވުމެއް ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތަށް ބްލެކްމެއިލް ކޮށްގެން ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ.
"މި ގާނޫނާ ޚިލާފު އެއްބަސްވުމުގެ ސަބަބުން ޚިދުމަތްތަކުގެ އަގުބޮޑުވެ، ކަސްޓަމަރުންނަށް އޮންނަ އިޚްތިޔާރުތައް ހަނިވެ، އުފައްދާ ފިލްމުތަކުގެ އަދަދު މަދު ވެގެންދާނެ. އަޅުގަނޑު ދެމިހުންނާނީ ވާދަވެރިކަން ނައްތާލާ މޮނޯޕޯލީ އުފެއްދުން ހުއްޓުވައި، ގާނޫނާ އެއްގޮތަށް ވިޔަފާރިކުރާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމުގައި،" ބޮންޓާ ވިދާޅުވި އެވެ.
މި މައްސަލައަކީ ކެލިފޯނިއާ އިސްވެ އޮވެ، އެމެރިކާގެ 12 ދައުލަތެއްގެ އެޓާނީ ޖެނެރަލުން ގުޅިގެން ޕެރަމައުންޓާއި ވާނާ ބްރަދާސް އެއްކޮށްލުން ހުއްޓުވުމަށް ހުށަހަޅާފައިވާ އެންޓި- ޓްރަސްޓް ދައުވާއެކެވެ. އެ ދައުވާގައިވާ ގޮތުން މި ދެ ކުންފުނި އެއްކޮށްލުމުން ސިނަމާތަކާއި، ކޭބަލް ޓީވީ ޗެނަލްތަކާއި، ފިލްމު އުފެއްދުމުގެ މާކެޓުގައި އޮތް ވާދަވެރިކަން ނެތި ގޮސް މުޅި މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ އެވެ.
ޝަރީއަތުގެ އަޑު އެހުންތައް 2027 ވަނަ އަހަރުގެ މާޗު މަހަށް ތާވަލު ކޮށްފައިވާއިރު، އޮކްޓޯބަރު 1 އިން ފެށިގެން އެއްބަސްވުން ފުރިހަމަ ނުވެ ލަސްވާ ކޮންމެ ދުވަހަކަށް ވާނާ ބްރަދާސްގެ ހިއްސާދާރުންނަށް ދުވާލަކު 7 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ޕެރަމައުންޓަށް ވަނީ މަޖުބޫރުވެފަ އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
އުއްމީދު ކުރި ވަރުގެ ކުރިއެރުމެއް ނުލިބުނު: ސަންޖޭ