މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ރިސޯޓު ހިންގަން ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް ތުރުކީގެ ކުންފުންޏަކަށް ވިއްކާލަން އުޅޭ މައްސަލަ ފެންމަތިވެފައިވަނިކޮށް، އެ ރަށުގެ ކުލީގެ ގޮތުގައި ފާއިތުވި އެއް އަހަރު ދުވަހު ދައްކަންޖެހޭ ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދައްކާ އޮތްކަން އެނގިއްޖެ އެވެ.
މަގުއްދުވާގައި ފަސް ތަރީގެ ރިސޯޓެއް ތަރައްގީކޮށް، އަޔާޑާ މޯލްޑިވްސްގެ ނަމުގައި ތުރުކީގެ އަހްމެތު އައިދެނިޒް ކުންފުނިން ހިންގަން ފެށީ 2011 ވަނަ އަހަރު އެވެ. އެ ރަށުގެ ކުލީގެ ގޮތުގައި ކޮންމެ ކުއާޓަރަކު ދައުލަތަށް 850000 ޑޮލަރު ދައްކަންޖެހޭއިރު، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 3.4 މިލިއަން ޑޮލަރު ނުދައްކާ އޮތްކަން ވަނީ ކަށަވަރުވެފަ އެވެ.
އެމްޓީޑީސީން އެ ރަށުގެ ހެޑްލީސް 1.5 މިލިއަން ޑޮލަރަށް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ވަނީ ރަށެއްގެ މިލްކުވެރިކަން ނުއަގުގައި ވިއްކާލަން ނުޅޭ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް ތުރުކީ ކުންފުންޏާއެކު ވެފައިވާ ސަބްލީސް އެއްބަސްވުމުގެ ދަށުން ކޮންމެ ކުއާޓަރަކު 1.2 މިލިއަން ޑޮލަރާ ހަމައަށް ކުލި ބޮޑުވާ ގޮތަށް އޮތުމާއެކު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެ އަގަށް ހެޑްލީސް ވިއްކާލުމަކީ ކުންފުންޏަށް ބޮޑު ގެއްލުމެކެވެ.
މި މުއާމަލާތާ ގުޅިގެން އެމްޓީޑީސީގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ފުރޮޅާލުމަށްޓަކައި 'ރައިޓްސް އިޝޫ'އަކަށް ހުޅުވާލައިގެން އިތުރު ހިއްސާ ވިއްކަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ވަނީ ފާސްކޮށްފަ އެވެ. ނުވައި މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގެ އަށް މެންބަރުންގެ ވޯޓުން މި ނިންމުން ފާސްކޮށްފައިވަނީ އާންމު ހިއްސާދާރުންގެ ދެކޮޅުވެރިކަން އޮތުމުން ސަރުކާރުގެ ހިއްސާގެ ނިސްބަތް އިތުރުކުރުމުގެ ބޭނުމުގަ އެވެ.
މިހާރު ސަރުކާރުގެ 47 ޕަސެންޓް ހިއްސާ އޮންނަ އެމްޓީޑީސީގެ ބޯޑުގައި ތިއްބަވަނީ އާންމު ހިއްސާދާރުންގެ ފަރާތުން ފަސް ޑިރެކްޓަރުންނާއި ސަރުކާރުގެ ފަރާތުން ހަތަރު ޑިރެކްޓަރުންނެވެ. ރައިޓްސް އިޝޫ މެދުވެރިކޮށް އަގުހެޔޮކޮށް ހިއްސާ ދޫކޮށްގެން ކުންފުނީގެ ކޮންޓްރޯލް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރަނީ މަގުއްދުވާގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެ އެވެ.
ހައްޖު ކިއު އާންމު ނުކުރާތީ ކޯޕަރޭޝަންގެ ވެރިން މަޖިލީހަށް
އިޒްރޭލަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދީފި
ޑިޒްނީގެ ކުރިއަށް ހުރި ގިނަ ފިލްމުތަކެއް އިއުލާން ކޮށްފި
