މޯލްޑިވްސް ޕްރިމިއަ ބޭންކް (އެމްޕީބީ)ގެ ނަމުގައި، މި ސަރުކާރުގެ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ހެދި ބެންކުގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.
ބޮޑުތަކުރުފާނު މަގު ހ. ސަންލީޓް ބިލްޑިންގްގެ ފުރަތަމަ ފަންގިފިލާގައި ހެދި އެ ބޭންކުގެ ހިދުމަތް ފައްޓަވައި ދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. އިންޑިއާގެ އެސްބީއައިގެ ބައެއް އެ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުރެ އެވެ.
"ޕްރިމިއާ އޭ ބުނުމުން އަޅުގަނޑަށް އަބަދުވެސް ސިފަވަނީ ޕްރިމިއާ ލީން. އެހެންކަމުން، 'ޕްރިމިއާ'ގެ ނަމުގައި ތިޔަ ބޭފުޅުން ގެންގުޅުއްވާ ތަސައްވަރަކީ އެ ފެންވަރުގެ ތަސައްވަރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ މިއަދު ބޭންކު އިފްތިތާހު ކުރެވުނު ނަމަވެސް އަދި އެއީ ވަރަށް ކުޑަ ފިޔަވަޅެއް ކަމަށެވެ. އެ ބޭންކުގައި ވަރަށް ތަޖުރިބާކާރު މަސައްކަތަށް ކެރޭ މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެމްޕީބީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ ޗެއާޕާސަން އައިޝާ ނުރައިން ޖަނާހް، ޗީފް އެގްޒެކިއުޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ނުރްހައިރާ އާރާ ސަދާވާ، އިންޑިޕެންޑެންޓް ޑިރެކްޓަރު ޝާހިދާ މުހައްމަދު، އިންޑިޕެންޑެންޓް ޑިރެކްޓަރު ރަހީމާ ސަލީމް އަދި ނޮން އެގްޒެކެޓިވް ޑިރެކްޓަރު ސުޖާތާ ހަލީމް ހިމެނިވަޑައިގަންނަވަ އެވެ.
އެ ބޭންކަށް ރާއްޖޭގައި ކޮމާޝަލް ބޭންކިން ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އެމްއެމްއޭއިން ދީފައި ވަނީ މި އަހަރުގެ މޭ މަހު އެވެ.
އެ ބޭންކުގެ ވިޔަފާރި ހާއްސަކޮށްފައި ވަނީ އާއްމު ފަރުދުންނާއި، ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން އެ ބޭންކަށް ހުއްދަ ދީފައިވަނީ "ޓިއާ 1" ބޭންކެއް ގާއިމު ކުރުމަށެވެ.
މި ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކެއް ގެނެސް އެކުންފުންޏަށް ރާއްޖޭގައި ކޮމާޝަލް ބޭންކިން ވިޔަފާރި ކުރުމަށް ބޭނުންވާ ލައިސަންސް އަދި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެމްއެމްއޭއިން ދޫކުރީ މޭ 18 ގަ އެވެ.
އީރާނުގެ މައްސަލާގައި ދެކުނު ކޮރެއާއިން އެއްބާރުލުން ނުދިން
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ހައްޖު ކިއު އާންމު ނުކުރާތީ ކޯޕަރޭޝަންގެ ވެރިން މަޖިލީހަށް