ރައީސް މުހައްމަދު މުއިއްޒު އިގްތިސާދީ އެޑްވައިޒަރު އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ)ގެ އާ ބޭންކް ރަސްމީކޮށް އިފްތިތާހު ކުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވާން ފަށައިފި އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ނަމުގައި، ޖަނާހު ހެދި ބެންކުގެ ހުޅުވާފައިވަނީ ހޯމަ ދުވަހު އެވެ. ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އަކީ މިހާރު ވެސް އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނުރައިން ޖަނާހް އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ހިދުމަތްތައް ރަސްމީކޮށް ތައާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާޕާސަން އަދި އެ ބޭންކުގެ ޗެއާޕާސަން އައިޝާ ނުރައިން ޖަނާހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަމުންދަނީ، ރައީސްގެ އެޑްވައިޒަރަކަށް އަމިއްލަ ވިޔަފާރި ފުޅާކުރުމަށްޓަކައި މިހާ ބޮޑު ބާރަކާއި ނުފޫޒެއް ދެވުނީ ކީއްވެތޯ އެވެ. އަދި އަލަށް އުފައްދަން މަސައްކަތްކުރާ އެހެން އެއްވެސް ބޭންކަކަށް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް މި މިންވަރަށް ވާސިލުވުމުގެ ފުރުސަތާއި، މިފަދަ ހާއްސަ އިމްތިޔާޒުތަކެއް ލިބިދާނެތޯ ވެސް ދަނީ ސުވާލު ކުރަމުންނެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ހިދުމަތްތައް ރަސްމީކޮށް ތައާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެ ބޭންކުގެ އެއް ހިއްސާދާރު މުހައްމަދު އަލީ ޖަނާހު މަރުހަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ބަލަހައްޓާ ކުންފުނި އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވައިގެން، ނޫރައިން ޖަނާހް އަމިއްލަ ބޭންކެއްގެ ސީއީއޯގެ މަގާމު އަދާކުރައްވާތީ ވެސް ދަނީ ފާޑުކިޔަމުންނެވެ. މި ދެ މަގާމަކީ ވެސް ފުރިހަމަ ވަގުތު ދޭންޖެހޭ، ޒިންމާ ބޮޑު ދެ މަގާމަށްވާއިރު މިއިން އެއްވެސް މަގާމެއް އަނެއް މަގާމުގެ ސައިޑް ރޯލެއްގެ ގޮތުގައި ފުރިހަމައަށް އަދާނުކުރެވޭނެ ކަމަށާއި، މި ދެ މަގާމަށް ބޭނުންވާ ފުރިހަމަ ސަމާލުކަމާއި، މިނިވަންކަން ކޮބައިތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ދައުލަތުގެ ރަސްމީ މަގާމުތަކާއި އަމިއްލަ ވިޔަފާރިތައް ވަކިކޮށް ބެހެއްޓުމުގެ ގާބިލުކަން ދައުލަތުގައި ނެތުމަކީ ހަމައެކަނި ސިޔާސަތުގެ ނާކާމިޔާބީއެއް ނޫން ކަމަށާއި، އެއީ ޖުމްލަކޮށް މުޅި ދައުލަތް ފެއިލްވުން ކަމަށް އިދިކޮޅުގެ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.