މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގަ އެވެ.
އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ތާވަލްކޮށް ނިންމާފައިވާއިރު، ކުންފުނީގެ މެޖޯރިޓީ ސަރުކާރަށް ފުރޮޅާލުމަށް ކުންފުނީގެ ހިއްސާގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައި "ރައިޓްސް އިޝޫ"އަކަށް ހުޅުވާލައިގެން އިތުރު ހިއްސާ ވިއްކަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.
ރައިޓްސް އިޝޫއަކީ ކުންފުނީގައި މިހާރު ވެސް ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކުމެވެ.
އާންމުކޮށް މިކަން ކުރަނީ ކުންފުންޏަށް އިތުރު ފައިސާ ހޯދުމަށެވެ. އަދި ރައިޓްސް އިޝޫގެ ހިއްސާތައް ވިއްކަނީ އަގުހެޔޮކޮށެވެ. އަދި ހިއްސާދާރުންނަށް ހުށަހަޅަނީ އެ މީހެއްގެ އަތުގައިވާ ހިއްސާގެ ނިސްބަތުންނެވެ. މިއީ އެމްޓީޑީސީން ކުރިން ވެސް ކުރަން އުޅުނު ކަމެއް ނަމަވެސް، އެ ކުންފުނީގެ ހިއްސާއަށް މާ ބޮޑު ފައިދާއެއް ނުލިބޭތީ އެކަމަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
ނަމަވެސް އެމްޓީޑީސީގެ ބޯޑަށް ބަދަލުތަކެއް ގެނެސްގެން މިކަން ކުރަން އުޅެނީ އެ ކުންފުނިން ރިސޯޓު ހިންގަން ސަރުކާރުން ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑް ލީސް، އެ ރަށުގައި ރިސޯޓު ހިންގާ ތުރުކީގެ އަހްމެތު އައިދެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލުމަށް ކަމަށްވެ އެވެ.
ނަމަވެސް ގިނަ ހިއްސާދާރުން އެކަމާ ދެކޮޅަށް ތިބުމުން، އެ މުއާމަލާތް ކުރިއަށްގެންދެވެން އޮތީ ސަރުކާރަށް ކުންފުނީގެ މެޖޯރިޓީ ހިއްސާ ފުރޮޅާލައިގެންނެވެ.
އެމްޓީޑީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހު 29 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން، އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެވޭނެ ކަމަށާއި، ހިއްސާދާރުންގެ ތެރެއިން ޕްރޮކްސީ ހޯލްޑަރެއް ނުވަތަ ބަދަލުގައި ވޯޓުދޭ ފަރާތެއް އައްޔަންކުރަން ބޭނުންވާނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިއަހަރުގެ ޖަލްސާގައި ވެސް ހިއްސާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުން އޮންނާނެ އެވެ. މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 50 ލާރި ބަހަން ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.
މިހާރު އެމްޓީޑީސީގައި އޮންނަނީ ސަރުކާރުގެ %47 ހިއްސާ އެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމްގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.
ހެނދުނު ކޮފީއަށްފަހު ހިތް އަވަސް ވޭތަ؟ ސަމާލުވާންވީ 6 ކަމެއް!
އާއްމު ފިނި ހޫނުމިނުގައި ވެސް ހަށިގަނޑު ފިނިވެ ހީކަރުވާތަ؟
ގަލްފް ދިފާއީ އިއްތިހާދުގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި