ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށްޓަކައި، އިތުރު އެއާލައިންތަކުން ދަތުރުތައް ފެށުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިއެއްބަސްވުމަށް އައިސްފައިވަނީ މިނިސްޓަރު މުހައްމަދު އަމީން ރަޝިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ޓްރާންސްޕޯޓް އޮފް ރަޝިއަން ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓަރު ޑްމީޓްރީ ޒޭރެވްއާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހުގަ އެވެ.

މޮސްކޯގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ސީދާ ފްލައިޓުތަކުގެ ޖާގަ އިތުރުކުރުމާ ބެހޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މި މަޝްވަރާތަކުގެ ތެރެއިން ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގެ ހައިލެވެލް ޓޫރިޒަމް ޑެލިގޭޝަނަކުން މޮސްކޯއާއި ސެންޓް ޕީޓާސްބާގަށް ކުރަމުންދާ ފަސް ދުވަހުގެ މި ދަތުރުފުޅަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާއި "ވިޒިޓް މޯލްޑިވްސް އިޔާ 2027" އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ ދަތުރެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރަޝިޔާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކާއި ޓުއާ އޮޕަރޭޓަރުންނާއެކު ވެސް ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަޝިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ރާއްޖޭގެ އިގުތިސާދަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.