އައްޑޫ ސިޓީގައި އަވަށްޓެރި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަލާ ސުބްރަމާނިއަން ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "މޯލްޑިވްސް އިންޑެޕެންޑެންޓް" އަށް ދެއްވި އިންޓަވިއުއެއްގައި، އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން ދެ ގައުމުގެ އެންމެ އިސްވެރިންގެ މަޝްވަރާތަކުގައި ނިންމާފައިވާ ކަމަށް ސަފީރު ވިދާޅުވި ނަމަވެސް، ފޮރިން މިނިސްޓްރީން ބުނީ މާލެ ނޫން އެހެން ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ މެދު ސަރުކާރުން ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އެއީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނޫނީ ނިންމޭނެ ނިންމުމެއް ނޫން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން ނިންމި ކަމަށް ދެކެވޭ ވާހަކަތައް ވެސް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާގެ ކެބިނެޓުން ކުރީގެ އެމްޑީޕީ ސަރުކާރުގައި 2021 ގައި ފާސްކުރި ނަމަވެސް، އެކަމަށް އަމަލީ ސިފައެއް އޭރު އައިސްފައެއް ނުވެ އެވެ.

ނަމަވެސް އޮކްޓޯބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ކޮންސިއުލޭޓުތައް ގާއިމުކުރުމުގެ މަޝްވަރާތައް ވެސް ކުރެއްވި އެވެ. އެހެން ނަމަވެސް އިދިކޮޅުގައި އޮތްއިރު "ސޭވް އައްޑޫ" ކެމްޕޭން ހިންގައި، އައްޑޫގައި ކޮންސިއުލޭޓެއް ހެދުމާ ދެކޮޅަށް ވަކާލާތު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ބައެއް ބޭފުޅުން މިހާރުގެ ސަރުކާރުގެ ކެބިނެޓުގައި ވެސް އެބަތިއްބެވި އެވެ.