އިންސާނީ އެހީ ހިފައިގެން ފަލަސްތީނުގެ ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާ އުޅަނދުތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހުރަސްއަޅައި ހިންގި ލާއިންސާނީ އަމަލުތަކާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ތުރުކީވިލާތުން ބައިނަލްއަގުވާމީ ފުލުހުންގެ މުއައްސަސާ (އިންޓަޕޯލް) ގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާއަށް އެހީ ހިފައިގެން ދިޔަ އުޅަނދުތަކަށް އިޒްރޭލް ސިފައިން އަރައިގަނެ، އެ އުޅަނދުތަކުގައި ތިބި އާންމުންނަށް އަނިޔާކޮށް، ހައްޔަރުކޮށް އަދި ޑީޕޯޓްކުރި މައްސަލައިގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު ނެރެފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ނަސްލު ނައްތާލުމުގެ ދައުވާ ވެސް އުފުލާފައިވާތީ، އޭނާ ހައްޔަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، އިސްތަންބޫލްގެ 11 ވަނަ ހެވީ ޕީނަލް ކޯޓުގައި ނަތަންޔާހޫއާ ދެކޮޅަށް 35 މައްސަލައެއްގެ ދައުވާ ހިމަނައިގެން ދަނީ ޝަރީއަތް ހިންގަމުންނެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެހީދޭ އުޅަނދުތަކަށް ހަތިޔާރާއެކު ހަމަލާދިނުމާއި، އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގުމާއި، ގަސްތުގައި އަނިޔާކުރުމާއި، މީހުންގެ މިނިވަންކަން ނިގުޅައިގަތުމުގެ އިތުރުން މުދަލަށް ގެއްލުންދީ އުޅަނދުތައް ރަހީނުކުރުމުގެ ދައުވާތައް ހިމެނެއެވެ.
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށާއި އެހީ ފޯރުކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދަތުރަށް އިޒްރޭލުން ހުރަސްއަޅައި ހިންގި އަމަލުތަކަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު ޖަރީމާތަކެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އައިސީއައިއޭގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބީއެމްއެލް
އާއްމު ބައެއް އުފެއްދުންތަކުގައި ގެއްލުންހުރި މާއްދާތަކެއް!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ޔަޒްމީދު އައްޔަންކޮށްފި
