މި އަހަރުގެ މިހާތަނަށް ސަރުކާރުން އެކި ދާއިރާތަކަށް ދޭ ސަބްސިޑީގެ ހޭދަ ބޮޑުތަނުން އިތުރުވެ، ވޭތުވެދިޔަ ހަފުތާގައި ވެސް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ ސަބްސިޑީތަކަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަބްސިޑީތަކަށް ދައުލަތުން ވަނީ 3.4 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 އިންސައްތައިގެ އިތުރުވުމެކެވެ. މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް މި އަދަދު ހުރީ 3.2 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން ހުސްވި އެއް ހަފުތާގެ ތެރޭގައި އެކަނި ވެސް ސަބްސިޑީއަށް 200 މިލިއަނެއްހާ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ސަބްސިޑީތަކަށް ކަނޑައަޅާފައި ވަނީ ޖުމުލަ 2.9 ބިލިއަން ރުފިޔާ ނަމަވެސް، އަހަރުގެ މެދުތެރެއިން މި ބަޖެޓު ވަނީ އެއްކޮށް ހުސްވެ އިތުރަށް ހަރަދުކުރަން ޖެހިފަ އެވެ.
ސަބްސިޑީ ހަރަދުތައް އިންތިހާއަށް އުފުލެމުންދާތީ، އެންމެންނަށް ހަމަހަމަކޮށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ހައްގުވެރިންނަށް އެކަނި ސަބްސިޑީ އަމާޒުކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދެމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް، ވޭތުވެދިޔަ ސަރުކާރުތަކެކޭ އެއްފަދައިން، މި ސަރުކާރުން ވެސް ވަނީ އެކަން ކުރުމުގެ ބަދަލުގައި، ކަރަންޓު އުފެއްދުމުގެ ނިޒާމު ހަރުދަނާކޮށްގެން ހަރަދު ކުޑަކުރުމުގެ ސިޔާސަތެއް އިހުތިޔާރުކޮށްފަ އެވެ.
ދައުލަތުން ދޭ ސަބްސިޑީތަކުގެ ބޮޑު ބައެއް ހޭދަވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެގޮތުން، ތެލާއި ކާޑުގެ ސަބްސިޑީ އެސްޓީއޯއަށް ދޫކުރާއިރު، ކަރަންޓާއި ފެނާއި ނަރުދަމާގެ ސަބްސިޑީ ލިބެނީ ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީ އަށެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ސަބްސިޑީ އެމްޓީސީސީއަށް، ކުނި މެނޭޖުކުރުމުގެ ސަބްސިޑީ ވެމްކޯއަށް އަދި މަސްވެރިކަމުގެ ސަބްސިޑީ މިފްކޯއަށް ލިބެ އެވެ. އަދި ސޯޝަލް ހައުސިން ފްލެޓުތަކުގެ އަގު ހެޔޮކުރުމަށް ހައުސިން ސަބްސިޑީ ވެސް ސަރުކާރުން ދެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 21 ބިލިއަން ރުފިޔާއަކީ ޓެކުހުގެ އާމްދަނީ އެވެ. ނަމަވެސް، ސަރުކާރު ހިންގުމުގެ ހަރަދަށް އެކަނިވެސް 24 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 20 ޕަސެންޓުގެ އިތުރުވުމެކެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓު ވަނީ 950 މިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ.
ގެވެށި އަނިޔާއަށް ނުވާ ކަމެއްގައި ގެވެށި އަނިޔާގެ އަމުރެއް ނެރެފި
19 މިލިއަން އުނިކުރުމުން މުސާރަ ދެވޭނެ ގޮތެއް ނެތިފައި!
ކުޑަކުދިންގެ އޮރިޔާން ކާޑު ވިއްކި ޒުވާނާގެ ދައުވާތައް ނަގައިފި
