ފަރުބަދަމަތީގެ ސަރަހައްދުތަކުގައި އުފެދިފައިވާ ދެ ފެންގަނޑެއް ފަޅައިގެން ދިއުމުގެ ބިރު އޮތުމުން، ނޭޕާލާއި ޗައިނާ އިން ފެންބޮޑުވެދާނެ ކަމުގެ އިންޒާރު ދީފި އެވެ. މި ހަފުތާގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަދިވެސް އަރައިނުގަނެވިގެން އުޅެނިކޮށް، ދެ ގައުމުގެ ބޯޑަރުގެ ދެ ފަރާތުގައި އުފެދިފައިވާ މި ދެ ފެންގަނޑުގެ ނުރައްކާ މިހާރު ވަނީ ބޮޑުވެފަ އެވެ.
ނޭޕާލާއި ޗައިނާގެ ޓިބެޓްގެ ބޯޑަރު ސަރަހައްދުގައި ބުދަ ދުވަހު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 362 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 1،000 މީހުން އަދިވެސް ވަނީ ގެއްލިފަ އެވެ. ސުންނާފަތިވެފައިވާ ވާދީތަކާއި އުސް ސަރަހައްދުތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. ދެ ގައުމުން ވެސް މި ހާދިސާ ކުރިމަތިވީ ގަނޑުފެން ފަރުބަދައެއް ނުވަތަ ގްލޭޝިއާއެއް ވެއްޓި، އޭގެ ސަބަބުން ކޯރުތަކަށް ހިލަޔާއި، ގަނޑުފެނާއި، ކިސަޑު އަދި ކުނިބުނި އެޅި ކޯރުތަކުގެ ނިޒާމަށް ބުރޫއެރުމުން ކަމަށް ބުނެފައިވެއެވެ.
ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފެންބޮޑުވި ސަރަހައްދުގެ ކޯރެއްގައި ކުނިބުނި އެޅި ބެދުމުގެ ސަބަބުން އުފެދިފައިވާ ފެންގަނޑުގެ ލެވެލް މައްޗަށް ދަމުންދާ ކަމަށާއި، އެ ފެންގަނޑު ފަޅައިގެން ދިއުމުގެ ބިރު އިންތިހާއަށް އެބައޮތް ކަމަށެވެ. އެ އިދާރާއިން ވަނީ ކޯރުގެ ތިރީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނާއި، ދަތުރުވެރިންނާއި، ސަލާމަތީ މަސައްކަތުގައި އުޅޭ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދީ، ކޯރުގެ އައްސޭރިފަށާއި ނުރައްކާތެރި ސަރަހައްދުތަކުން ދުރަށް ޖެހި، ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ.
ޗައިނާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި 3 މިލިއަން ކިއުބިކް މީޓަރުގެ ފެން، އެ ގައުމުގެ ބޯޑަރު ސަރަހައްދުގައި މިހާރުވެސް ބެދިފައިވާ ފެންގަނޑަކަށް އޮހިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ސަބަބުން ފެންގަނޑު ފަޅައިގެން ދިއުމުގެ ނުރައްކާ ބޮޑުވެފައިވާއިރު، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހާ ހިސާބަށް ފެންގަނޑުގެ ބާރުމިން އެންމެ މައްޗަށް ދާނެ ކަމަށް ބެލެވެއެވެ. ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުނިބުންޏާއި ހިލައިގެ ސަބަބުން ފެންގަނޑު ބެދިފައިވާ މަންޒަރު ވައިގެ މަގުން ނަގާފައިވާ ވީޑިއޯތަކުން ސާފުކޮށް ފެންނަން އެބަހުއްޓެވެ. މި ވީޑިއޯތަކުން ފެންނަ ގޮތުގައި މުށިކުލައިގެ ފެންގަނޑު ބޮޑުވަމުން ގޮސް ގަސްތަކުގެ މައްޗަށް އަރާފައިވާއިރު، އެ ފެންގަނޑު ބޭރުވާނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ.
ޗައިނާގެ ފެނާ ބެހޭ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، ކުރިއަށް އޮތް ހަފުތާގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މި ނުރައްކާ އިތުރަށް ބޮޑުވާނެ ކަމަށެވެ. ފެނުގެ މިންވަރު އިތުރުވަމުންދާ ވަރަކަށް ނުރައްކާ ވެސް ދަނީ އިތުރުވަމުންނެވެ.
މި އިންޒާރުތަކާ ގުޅިގެން، ނޭޕާލުގައި ސަލާމަތީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބައެއް ޓީމުތަކުން މިހާރު ވަނީ އުސް ސަރަހައްދުތަކަށް ބަދަލުވާން ފަށާފަ އެވެ.
20 އަހަރު ވެފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
އުފަން ދުވަސްތަކުގައި ކޭކު ފެޅުން ފެށިގެން އައީ ކިހިނެއް؟
