ރަޝިއާގެ ރައީސް ލަޑީމިއާ ޕޫޓިން ނޭޓޯގެ އެއްވެސް ގައުމަކަށް ހަމަލާ ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. މިއާއެކު ރަޝިއާއިން ވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ވޮޝިންޓަނުން މޮސްކޯއަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ޓްރަމްޕް ވަނީ ޖަވާބު ދެއްވާފަ އެވެ.
ސީއައިއޭ ގެ ޑައިރެކްޓަރު ޖޯން ރެޓްކްލިފް ރަޝިއާގެ ވެރިރަށަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ފެތުރިފައިވާ އަޑުތަކަކީ ބިރުވެރި މަންޒަރުތަކެއް ސިފަކޮށްދިނުމަށް ދެކެވޭ ވާހަކަތަކެއް ކަމަށް ބުނެ ކްރެމްލިންއިން ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އަޅުގަނޑު އޭނާއާ (ޕޫޓިންއާ) އެކު ރަނގަޅު މަޝްވަރާތަކެއް ކޮށްފިން. އޭނާ ނޭޓޯގެ ސަރަހައްދަކަށް ހަމަލާއެއް ނުދޭނެ،" ޕޫޓިން އެފަދަ ކަމެއް ނުކުރުމަށް އެއްބަސްވެވަޑައިގެންފައިވޭތޯ ނޫސްވެރިން ސުވާލުކުރުމުން ވައިޓް ހައުސްގައި ޓްރަމްޕް ވިދާޅުވި އެވެ.
ވޯލް ސްޓްރީޓް ޖާނަލް އަދި ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ރަޝިއާއިން ނޭޓޯގެ އިއްތިހާދު އިމްތިހާނުކޮށްފާނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސަށް ލަފާކުރެވޭތީ، ރެޓްކްލިފް ވަނީ ނޭޓޯއަށް ހަމަލާ ނުދިނުމަށް ރަޝިއާއަށް ބާރުއަޅުއްވާފަ އެވެ. ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ހަމަލާތަކެއް ދީގެން ޕޫޓިން ނޭޓޯގެ ގާބިލުކަން ބައްލަވާލެއްވުން އެކަށީގެންވެއެވެ.
2021 ވަނަ އަހަރަށްފަހު ސީއައިއޭ ގެ ޑައިރެކްޓަރަކު ރަޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިފަދަ މެސެޖެއް ރެޓްކްލިފް ދެއްވިތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށާއި، ނަމަވެސް އެމީހުން ހަމަލާއެއް ނުދޭނެ ކަމަށެވެ.
ޓްރަމްޕާއި ޕޫޓިން އެންމެ ފަހުން ފޯނުން ވާހަކަދެއްކެވީ ޖޫން މަހުގަ އެވެ. އަދި ދެ ބޭފުޅުން އެންމެ ފަހުން ބައްދަލުކުރެއްވީ މީގެ އަހަރެއް ކުރިން އެލާސްކާގައި ބޭއްވި ސަމިޓުގަ އެވެ. ނަމަވެސް އެ ބައްދަލުވުމުން ޔޫކްރެއިން މައްސަލައަށް އެދެވޭ ހައްލެއް ނުލިބުނެވެ.
ސީބީއެސް ނިއުސްއިން ބުނި ގޮތުގައި، ރެޓްކްލިފްގެ މި ދަތުރުފުޅުގައި ރަޝިއާގެ ބައިވެރިއެއް ކަމަށްވާ އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަ މަސްވީ ހަނގުރާމައާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ އެ ގައުމުގެ ވިޔަފާރި ބައިވެރިންނަށް އަމާޒުކޮށް "އިގްތިސާދީ ފިޔަވަޅުތަކެއް" އަޅާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން އިއުލާނުކޮށްފައިވީ ނަމަވެސް، އީރާނާއެކު ވިޔަފާރިކުރާތީ ރަޝިއާއަށް އަދަބު ދިނުމުގެ މުހިންމުކަން ޓްރަމްޕް ވަނީ ކުޑަކުރައްވާފަ އެވެ.
ސީއައިއޭ ގެ ޑައިރެކްޓަރުގެ މި ދަތުރުފުޅަކީ "އާންމު" ދަތުރުފުޅެއް ކަމަށާއި، މިއީ 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް އެރި އެރުން ހުއްޓުވުމަށް ކުރެވޭ ފުޅާ މަސައްކަތްތަކުގެ ބައެއް ކަމަށް ބުދަ ދުވަހު ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފަ އެވެ.
ނޭޓޯއަށް ރަޝިއާއިން ހަމަލާދީފާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމުގެ ޔަގީންކަން ކްރެމްލިންއިން ވެސް ބުރާސްފަތި ދުވަހު ވަނީ ދީފަ އެވެ.
"މިފަދަ ބިރުވެރި ގިނަ ވާހަކަތަކެއް މިހާރު ދަނީ ޝާއިއުކުރެވެމުން. ހަގީގަތަކީ މި ވާހަކަތަކާ އެއްވެސް ގުޅުމެއް ނެތް ކަން،" ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވިއެވެ.
ޔޫކްރެއިން މައްސަލައިގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރަޝިއާގެ މަގްސަދުތައް ސުލްހަވެރިކަމާއެކު ހާސިލުކުރުމަށް އިސްކަންދޭ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނެތުމުން ހާއްސަ އަސްކަރީ އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ޕޫޓިންއާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ދެމެދު ސީދާ ސުލްހައިގެ ވާހަކަތައް ބޭއްވުމަށް ޔޫކްރެއިނުން ކުރާ ޑިމާންޑްތަކަށް ރަޝިއާއިން ވަނީ ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ. އޭގެ ބަދަލުގައި ރަޝިއާއިން އެދެނީ އިރުމަތީ ޑޮންބާސް ސަރަހައްދުން ޔޫކްރެއިން ސިފައިން ފޭބުމަށެވެ.
ބްރަސަލްސްގައި ހުންނެވި އީޔޫގެ އިސް އޮފިޝަލަކު ވެސް ވަނީ ރަޝިއާގެ ހަމަލާއެއްގެ ބިރު އޮތް ކަމަށް ދެކެވޭ ވާހަކަތަކަށް ބާރުކަނޑުވާލައްވާފަ އެވެ. "ވިލާތުގެ އިންޓެލިޖެންސް އިދާރާތަކުން ރަޝިއާއިން ވިލާތުގެ ގައުމުތަކަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ނުރައްކަލެއް ނެތް،" ނަން ހާމަނުކުރުމަށް އެދި އެ އޮފިޝަލު ވިދާޅުވި އެވެ.
ރެޓްކްލިފް އަކީ 2022 ގައި ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ރަޝިއާއަށް ޒިޔާރަތްކުރެއްވި އެމެރިކާގެ އެންމެ މަތީ ފަންތީގެ އެއް އޮފިޝަލެވެ. މީގެ ކުރިން ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވެސް ވަނީ އެ ގައުމަށް ދަތުރުތަކެއް ކުރައްވާފަ އެވެ.
މީގެ ކުރިން ސީއައިއޭ ގެ ޑައިރެކްޓަރަކު މޮސްކޯއަށް ވަޑައިގަތީ 2021 ގެ ނޮވެމްބަރު މަހު އެވެ. އެއީ ވިލިއަމް ބާންސް އެވެ. އޭނާ ވަނީ ޔޫކްރެއިނަށް ސިފައިން ނުފޮނުވުމަށް އެ ފަހަރު ރަޝިއާއަށް އިންޒާރު ދެއްވާފަ އެވެ. ނަމަވެސް ތިން މަސް ފަހުން ރަޝިއާއިން ހަމަލާ ފެށިއެވެ.
ރެޓްކްލިފްގެ މި ދަތުރުފުޅު މި ދިމާވީ، މި ހޫނު މޫސުމުގައި ރަޝިއާއިން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އާންމުން މަރުވާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެމެރިކާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ ސުލްހައިގެ ވާހަކަތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަނެއްކޮޅުން، ޔޫކްރެއިނުން ރަޝިއާގެ އެކި ސަރަހައްދުތަކަށް ދެމުންދާ ޑްރޯން ހަމަލާތަކުގެ ސަބަބުން ރަޝިއާގެ އިގްތިސާދަށާއި އާންމުންނަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ޕޫޓިންއަށް އޮތް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ.
"އެވެންޖާސް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ!
ދުންފަތް އެތެރެކުރުމުގައި ދިވެހީންނަށް ވެސް ލުއި ދީފި
އެމެރިކާގެ މުހިންމު އިދާރާތަކަށް ޗައިނާގެ ހެކަރުންގެ ހަމަލާތަކެއް
