"އަސްލު ދުޝްމަނާ" ދެކޮޅަށް ތެދުވުމަށް އީރާނުގެ ސްޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ، ގަލްފުގެ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވައިފި އެވެ.
މުޖްތަބާ ޚާމަނާއީ ވަނީ މުސްލިމް ގައުމުތަކުން، ހާއްސަކޮށް ގަލްފުގެ ގައުމުތަކުން އެކަތިގަނޑަކަށްވެ، "އަސްލު ދުޝްމަނާ" ދެކޮޅަށް ތެދުވުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި މުސްލިމުންގެ މެދުގައި އުފެދޭ ބައިބައިވުންތަކަކީ ދުޝްމަނުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިސްލާމީ އެއްބައިވަންތަކަމުގެ ހަފްތާގެ މުނާސަބަތުގައި ޚާމަނާއީގެ ޓެލެގްރާމް އެކައުންޓުގައި ޝާއިއުކުރެއްވި މި މެސެޖުގައި މުސްލިމުންގެ އެއްބައިވަންތަކަމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި، އެކަކު އަނެކަކަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައިވެ އެވެ. އަދި ގަސްދުގައި ނުވަތަ ނޭނގި ނަމަވެސް މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދާ ކޮންމެ މީހަކީ އިސްލާމްދީނުގެ ދުޝްމަނުންނަށް އެހީތެރިވެދޭ މީހެއް ކަމުގައި ބަޔާންކުރައްވާފައިވެ އެވެ.
މީގެ އިތުރުން، މުސްލިމުން އެއްބައިވަންތަވެފައި ތިބި ނަމަ ފަލަސްތީނުގެ ރައްޔިތުން މިއަދު މިފަދަ ނިކަމެތި ހާލެއްގައި ތިބެންޖެހޭނެތޯ ވެސް އެ މެސެޖުގައި ސުވާލު އުފައްދަވާފައިވެ އެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން، މީގެ ހަ މަސް ކުރިން އެމެރިކާ އާއި އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި އޭނާގެ ބައްޕާފުޅު އަދި ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެ، މުޖްތަބާ ޚާމަނާއީއަށް އަނިޔާވި ފަހުން އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ.
އެއްބައިވަންތަކަމަށް އޭނާ ކުރެއްވި މި އިލްތިމާސަކީ، އިޖުތިމާއީ ބައިބައިވުން އުފެދޭނެ ފަދަ ކަންކަން މަނާކުރައްވައި، ގައުމީ ރޫހު ބަލިކަށިވާ ފަދަ ވާހަކަތައް ނުދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވައި އީރާނުގެ ރައްޔިތުންނާ މުހާތަބުކޮށް ހުކުރު ދުވަހު ދެއްވި ބަޔާނުގައި ވިދާޅުވި ވާހަކަފުޅާ އެއްގޮތް ވާހަކަފުޅެކެވެ.
ޚާމަނާއީ ވަނީ، ގަލްފުގެ ގައުމުތަކުންނާއި ސަރުކާރުތައް އިސްލާމްދީނުގެ ދަށުން އެކަތިގަނޑަކަށްވި ނަމަ، އެއްވެސް އަމާޒެއް ނެތް ނުބައި ބަޔަކަށް އެމީހުންގެ ބިމާއި މުދަލަށް ދަހިވެތިވާން ކެރޭނެތޯ ގަލްފުގެ އަރަބި ވެރިންނާ ސުވާލު ކުރައްވާފަ އެވެ.
1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު، ގަލްފުގެ އަރަބި ގައުމުތަކުން ދެކެނީ އީރާނުގެ އިންގިލާބީ ފިކުރާއި، ރަސްކަމާ ދެކޮޅު ވިސްނުމަކީ އެ ގައުމުތަކުގެ ސިޔާސީ ނިޒާމަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ގަލްފުގެ ބައެއް ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފަ އެވެ. މިއީ އީރާނާއި ގަލްފުގެ އަވަށްޓެރި ގައުމުތަކާ ދެމެދު އޮތް ނުތަނަވަސްކަން ހާމަވާ ކަމެކެވެ.
"އިސްލާމީ ގައުމުތަކުގެ ވެރިންނަށް، ހާއްސަކޮށް ހުޅަނގު އޭޝިއާ އާއި ގަލްފުގެ ގައުމުތަކުގެ ވެރިންނަށް އަޅުގަނޑު ތަކުރާރުކޮށް ދޭ ނަސޭހަތަކީ، ތިޔަބޭފުޅުންގެ އަސްލު ދުޝްމަނަކީ ކޮބައިކަން ދެނެގަނެ، އެމީހުންގެ ރޭވުންތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތެދުވުން،" ޚާމަނާއީ ވިދާޅުވި އެވެ.
އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ
42 ރިސޯޓެއްގެ މުވައްޒަފުން ޕެޓިޝަނުގައި ސޮއިކޮށްފި
ކަސްރަތު: ދާހިއްލުމަކީ ސަރުބީ ވިރޭކަން އަންގައިދޭ ކަމެއް ނޫން!
