ސައިންސްވެރިން އަލަށް އީޖާދުކުރި "ކޮމްޕިއުޓަރު ސިކުނޑި"އަކާއެކު ސްޓްރޯކްގެ ސަބަބުން ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އާ އުއްމީދެއް ލިބިއްޖެ އެވެ.

އިންސާނާގެ ސިކުނޑިން ވިސްނާ ވިސްނުން ބަސްތަކަށް ބަދަލު ކޮށްދޭ އެ ޓެކްނޮލޮޖީ މިހާރު އޮތީ ޓެސްޓް މަރުހަލާގައި ނަމަވެސް އުއްމީދީ ނަތޖާތަކެއް ލިބެމުން އަންނަ ކަމަށްވެ އެވެ.

އެގޮތުން ސްޓްރޯކްއެއްގެ ސަބަބުން ވާހަކަ ނުދެއްކޭ 47 އަހަރުގެ އަންހެނެއްގެ ސިކުނޑިއަށް އެ ޑިވައިސް ލައްވާފައިވާއިރު އެއިން އޭނާ ބުނަން ބޭނުންވާ އެއްޗެއް ވަގުތުން ވަގުތަށް އޭގެ ސްކްރީނަށް އަރަ އެވެ.

މގެ ކުރިން ވެސް މިފަދަ ޓެކްނޮލޮޖީތަކެއް އުފައްދާފައި ވީނަމަވެސް ވިސްނާ ވިސްނުން ބަސްތަކަށް ބަދަލު ކުރުމުގައި ލަސްކަމެއް އުޅޭތީ އެއީ އެންމެ ރަނގަޅު ހައްލަކަށް ނުވެ އެވެ.

އެއާ ޚިލާފަށް އަލަށް އީޖާދުކުރި ޑިވައިސްއާއެކު ވާހަކަ ދެއްކުމުގައި އެއްވެސް ލަސްކަމެއް ނެތި ވަގުތުން ވަގުތަށް ބުނަން ބޭނުންވާ އެއްޗެއް އަނެކާއަށް އަންގައިދެވެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިއީ ސްޓްރޯކްގެ ސަބަބުން ވާހަކަ ދެއްކުމަށް އަސަރު ކޮށްފައިވާ މީހުންނަށް ލިބުނު އާ އުއްމީދެކެވެ.

އެގޮތުން މީގެ ސަބަބުން އެފަދަ މީހުންނަށް މުޖުތަމައުގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއްވި އެވެ.

ހަބަރު: އޭޕީ ނިއުސް