ރާއްޖޭގެ އިކޯސިސްޓަމް، ބައޯޑައިވާސިޓީ އަދި މަސްވެރިކަމާ ބެހޭގޮތުން ހަދާފައިވާ ހާއްސަ ވެބްސައިޓެއް މިއަދު ފުވައްމުލަކުގައި ލޯންޗްކޮށްފި އެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ވެބްސައިޓް ލޯންޗުކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.

މި ރަސްމިއްޔާތުގައި މި ވެބްސައިޓްގެ ފައުންޑަރު ޔާސިރު ސާލިހު އިނގިރޭސި ބަހުން ލިޔެފައިވާ ރާއްޖޭގެ ފޯލްކްލޯ 10 ވާހަކަ ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފަ އެވެ. މި ފޮތުގައި ވެސް ފުވައްމުލަކުގެ ތާރީހާއި ސަގާފަތާ ގުޅޭ ވާހަކަތައް ހިމެނެ އެވެ.

މި ވެބްސައިޓަކީ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާއި މެއްސާއި، ފަރުތަކާއި، ތިލަތަކާއި ކަނޑޫފާތަކާއި އަދި ތަފާތު ގުދުރަތީ ދިރުންތަކާ ބެހޭ މައުލޫމާތު ވަރަށް ތަފާތު ގޮތަކަށް ގެނެސްދީފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައިވާ މަސްމަހާއި މެހި ނުވަތަ "ސްޕީޝީސް" ތައް ވަނީ ތަފާތު ގޮތްގޮތަށް ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެ އެވެ. މިގޮތުން ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ފްލޯކް ވާހަކަތަކާއި މިފަދަ ސްޕީޝީސްތަކާއި ގުޅުމެއް ވާނަމަ އެކަންތައްތައް ވެސް ބަޔާންކުރުމުގެ އިތުރުން، އިލްމީ ގޮތުންނާއި ސައިންޓިފިކް ގޮތުން ދިރުންތަކާ ބެހޭ މައުލޫމާތެއް ވާނަމަ އެކަން ވެސް ބަޔާންކޮށްފައިވެ އެވެ.

މި ވެބްސައިޓްގެ ފައުންޑަރު ފުވައްމުލަކަށް އުފަން ޔާސިރު ސާލިހު ވިދާޅުވީ މި ވެބްސައިޓަކީ ރާއްޖޭގެ މުޅި ބަޔޯޑައިވާސިޓީގައިވާ ހުރިހާ ދިރުންތަކާއި ސްޕީޝީސްތަކާ ބެހޭ ފުރިހަމަ ޑޭޓާބޭސްއެއް ގާއިމްކުރުމަށްޓަކައި ފަށާފައިވާ މަސައްކަތެއް ކަމަށެވެ. މީގެ އިތުރުން މިވެބްސައިޓުގައި ރާއްޖޭގައި ކުރީޒަމާނުގައި ކޮށްފައިވާ ތަފާތު ވައްތަރުގެ މަސްވެރިކަމާ ބެހޭ މައުލޫމާތާއި މިޒަމާނުގައި ކުރާ މަސްވެރިކަމުގެ މައުލޫމާތު ވެސް ވަރަށް ޝައުގުކުރުވަނި ގޮތަކަށް ވަނީ ގެނެސްދީފަ އެވެ.