އެސްއެމްއީ ޑިޖިޓަލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށް، އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް ފެސިލިޓީ އަނބުރާ ދެއްކުމަށް ފަސޭހަ ގޮތެއް ހަމަޖައްސައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށެވެ. އަލަށް ތައާރަފުކުރި މި އިންޓަގްރޭޝަނާއެކު، ފައިސާ ދައްކަންޖެހޭ ތާރީހުތަކުގައި ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓްތަކުން އޮޓެމެޓިކުން ފައިސާ ކެނޑޭނެ އެވެ.
މި އިންޓަގްރޭޝަންގެ ބޭނުމަކީ ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ ކަންކަން ބެލެހެއްޓުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމެވެ. ބޭންކް އެކައުންޓުން އޮޓެމެޓިކުން ފައިސާ ކެނޑޭ ގޮތް ހެދުމުން، އިދާރީ މަސައްކަތްތައް މަދުވެ، ގަޑިއަށް ފައިސާ ދެއްކޭކަން ކަށަވަރުވެގެންދިއުމާއިއެކު، ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ ކްރެޑިޓް ރޭޓިންގ މަތިވާނެއެވެ. މި އިންޓަގްރޭޝަންގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، ކަސްޓަމަރުންނަށް ވިޔަފާރި ކުރިއެރުވުމަށް އިތުރު ވަގުތު ލިބިގެންދާނެ އެވެ.
މި ނިޒާމު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ހިދުމަތް ލިބޭނީ އިސްލާމިކް ރީފައިނޭންސިންގ އިނީޝިއޭޓިވްގެ ދަށުން، މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިން އަށް ބަދަލުކޮށްފައިވާ ކަސްޓަމަރުންނަށެވެ. އަދި ކުރިއަށް އޮތް މަރުހަލާތަކުގައި އެހެނިހެން ކަސްޓަމަރުންނަށްވެސް މި ހިދުމަތް ފުޅާކުރާނެ އެވެ.
މިއައު ހިދުމަތާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އެ ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށެވެ.
"މި އިންޓަގްރޭޝަންގެ ސަބަބުން، ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަންކަން މަދުވެ، ކަސްޓަމަރުގެ ބޭންކް އެކައުންޓުން އޮޓޮމެޓިކުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހި، ފައިސާ ދެއްކުމުގެ މަރުހަލާ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އޮޓޮމޭޓެޑް ރިޕޭމަންޓް އިންޓަގްރޭޝަނަކީ ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ ކުރިއެރުމެކެވެ.
ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު ދީފި
