ދުނިޔޭގެ މިއުޒިކް ދާއިރާގައި އެންމެ ގިނައިން ބަހުސް ކުރެވޭ އަދި އެހާމެ ނުފޫޒު ގަދަ ރެޕް ފަންނާނު ކަންޔޭ ވެސްޓް ބޮއިކޮޓް ކުރަން ގޮވި ގޮވުންތަކާއެކު ވެސް ކާމިޔާބު ކަމާއެކު އޭނާގެ ކޮންސެޓެއް ނިންމާލައިފި އެވެ.

ތުރުކީގެ އިސްތަންބޫލްގައި ބޭއްވުނު އެ ކޮންސެޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 118،000 އަށްވުރެ ގިނަ ސަޕޯޓަރުން ބައިވެރި ވެފައިވެ އެވެ.

ކާންޔޭ ދައްކާފައިވާ ބައެއް ވާހަކަތަކާއި ސިޔާސީ އަދި އިޖުތިމާއީ ހިޔާލުތަކާ ގުޅިގެން ހުޅަނގުގެ ބައެއް ގައުމުތަކާއި ބޮޑެތި ސްޓޭޑިއަމްތަކުން ކަންޔޭ ވެސްޓް "ބޭން" ކޮށް، އޭނާގެ ޝޯތައް މަނާކޮށްފައިވާ ދަނޑިވަޅެއްގައި، ތުރުކީން މި ލިބުނު ފުރުސަތަކީ އޭނާގެ ކެރިއަރުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ކޮންސެޓަކީ ކަންޔޭގެ މިއުޒިކީ ދަތުރުގައި "ކެންސަލް ކަލްޗާ" ނުވަތަ މީހުން ބާކީ ކޮށްލުމުގެ ސަގާފަތާ ދެކޮޅަށް އޭނާ ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެ އެވެ.

ސްޓޭޑިއަމް ފުރާލި ސަޕޯޓަރުންނާ ވާހަކަ ދައްކަމުން އޭނާ ވަނީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރަސްތަކެއް ހުރި ނަމަވެސް އޭނާގެ އަސްލު ސަޕޯޓަރުން އަބަދުވެސް އޭނާއާއެކު ތިބޭނެކަން މި ޝޯއިން ސާބިތުވެއްޖެ ކަމަށް ބުނެފަ އެވެ.

ކޮންސެޓު ބެލުމަށް ދިޔަ މީހުން ފާހަގަކުރި ގޮތުގައި،މިއީ ފަހުގެ ތާރީޚެއްގައި ތުރުކީގައި ބޭއްވުނު އެންމެ ވަރުގަދަ ދި އެންމެ ގިނަ ބަޔަކު އެއްވި އެއް މިއުޒިކް އިވެންޓެވެ. ކަންޔޭގެ ބައެއް ސަޕޯޓަރުން ވަނީ އޭނާގެ ކޮންސެޓް ބަލާލުމަށްޓަކައި ޔޫރަޕްގެ އެކި ގައުމުތަކުން ތުރުކީއަށް ދަތުރުކޮށްފަ އެވެ.

މި ކޮންސެޓުގައި ކަންޔޭގެ ކުރީގެ މަޝްހޫރު ކްލެސިކް ލަވަތަކުގެ އިތުރުން، އޭނާގެ އެންމެ ފަހުގެ މިއުޒިކީ އުފެއްދުންތަކުން ވެސް ބައެއް ބައިތައް ހުށަހަޅައިދިނެވެ.

ބޮޑެތި ބްރޭންޑްތަކުންނާއި ހުޅަނގުގެ މީޑިއާތަކުން ކަންޔޭއާ ދުރަށް ޖެހުނު ނަމަވެސް މެދު އިރުމައްޗާއި އޭޝިޔާގެ ސަރަހައްދުތަކުގައި އޭނާއަށް އޮތް ތާއީދު އަދިވެސް ކުޑައެއް ނުވެ އެވެ. ތުރުކީގެ މި ކޮންސެޓަކީ އޭގެ ހެއްކެކެވެ.