ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާ އުޅުނު މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާ އަމިއްލައަށް މަރުވާ އުޅުނީ މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:12 ގައި ކަމަށެވެ. އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ މިއަދު 15:18 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި ހާދިސާގެ މައުލޫމާތު ވާނީ ހިއްސާކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.