އެހެން ގައުމެއްގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާ ނުކުރަން މޯލްޑިވްސް އިމިގްރޭޝަނުން ލަފާދީފި އެވެ.
އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ ދީފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަށް ދިން ލަފާގަ އެވެ.
މިގޮތުން އިމިގްރޭޝަނުން ބުނީ، ދެގައުމުގެ ރައްޔިތުކަން އޮންނަ މީހުން އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްކަން މިހާރު ވެސް ކަނޑައަޅަނީ ރާއްޖެ އެތެރެވުމަށް އެމީހުން ހުށަހަޅާ ޕާސްޕޯޓުން ކަމަށާއި، އެއީ އިޒްރޭލު ރައްޔިތެއް ނަމަވެސް އެއީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބިދޭސީން ރާއްޖެ އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ފަރާތެއްގެ ގައުމިއްޔަތު ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ބަލާނީ އެ ފަރާތަކުން ރާއްޖެ އެތެރެވުމަށްޓަކައި އިމިގްރޭޝަނަށް ހުށަހަޅާ ޕާސްޕޯޓަށް ކަމަށްވުމާއި، ޑުއަލް ސިޓިޒަންޝިޕް ލިބިފައިވާ ފަރާތެއްކަން އިމިގްރޭޝަނަށް ކަށަވަރު ކުރެވެން ނެތުމުން ހަމައެކަނި އިޒްރޭލު ޕާސްޕޯޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރާ ގޮތަށް ހެދުމަށް އިމިގްރޭޝަނުން ވަނީ އެދިފަ އެވެ.
އެއަށްފަހު ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ބިލުގައި ކުޑަ ތައާރުޒު ވުމެއް އުޅޭތީ ބަންޑާރަނައިބުގެ ލަފައެއް ހޯދުމަށް ފަހު މިއަދު މެންދުރު ކޮމިޓީގެ އިތުރު ބައްދަލުމެއް ބާއްވާނެ ކަމަށެވެ. އަދި އެ ކޮމިޓީގައި ބިލުގެ މަސައްކަތް ނިންމާލާނެކަމަށް ވެސް މެންބަރު ސަލީމް ވިދާޅުވި އެވެ.
ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިޒްރޭލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ އަމަލު ތަކުގެ ސަބަބުން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެއަށްފަހު މި މައްސަލަ އާއި ގުޅޭ ބައްދަލުވުމެއް ބާއްވާފައި މިވަނީ އެ އިސްލާހު ކޮމިޓީގައި ވަރަށް ގިނަ ދުވަހު އޮތުމަށްފަހު އެވެ.
ދެފުށް ކެހެރި ނަސޭޙަތްދޭނީ ދަހިވެތިކަމާއި މުނާފިގުކަން ބޮޑު ފިނޑިން!! ޑުއަލް ސިޓިޒަންޝިޕެކޭ ކިޔާފަ ވަކި ތަފާތު ކުރެވިގެން ނުވާނެ!! ހަގީގީ ފުރިހަމަ މާނައިގައި މިކަން ކުރާނަމަ އެއްވެސް ސިފައެއްގައި ސަޙްޔޫނީ އިޒްރޭލަށް ރާއްޖެ އެތެރެވެވިގެން ނުވާނެ!!!