އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ފާސްކުރީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

މަޖިލިހަށް މި ބިލު ހުށަހެޅިތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އިއްޔެ ބިލު މަޖިލީހުން ފާސްކުރުމާއެކު، ރައީސް ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ އިމިގްރޭޝަން ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގެ ދަށުން، އިޒްރޭލުގެ ޕާސްޕޯޓެއްގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއް ކަމަށެވެ.

ބިލު ފާސްކޮށް އަމަލުކުރަން ފެށިއިރު، ބިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލް މީހުންނަށް އެތެރެވުމަށް މި ގާނޫނުން ހުރަހެއް ނާޅަ އެވެ.

މިއާއެކު އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ އެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.

ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުން އެ ގައުމުގެ އެންމެނަށް ރާއްޖެ އާދެވޭ ގޮތަށް ބިލު ބަދަލު ކުރުމުން ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ އަހުމަދު އަޒާން ވަނީ އެކަމަށް ރޭ ފާޑުވިދާޅުވެފަ އެވެ. ބިލުގައި އޮތް އެ އިބާރާތް ބަދަލު ކުރަން ވެސް އަޒާން ގޮވައިލެއްވި އެވެ.