ހަރަދު ކުޑަ ކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަންދު ކުރުމަށް ނިންމި އެމްބްސީތަކުގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ހިމެނިއްޖެ އެވެ.

ޓްރަމްޕް ގެ ސަރުކާރުން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ހިމެނޭހެން 10 އެމްބަސީ އަކާއި 17 ކޮންސުލޭޓެއް ބަންދުކުރަން ނިންމާފައިވާކަން ހާމަވެފައިވަނީ ދި ނިއުޔޯލް ޓައިމްސް އަށް ލިބުނު ސްޓޭޓް ޑިޕާޓްމަންޓްގެ އިންޓާނަލް މެމޯއަކުންނެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓް ކުޑަކުރުމަށްޓަކައި ޓްރަމްޕް މިފަދައިން ނިންމާފައިވާއިރު، ބަންދުކުރުމަށް ނިންމާފައިވާ އެމްބަސީތަކުގެ ތެރެއިން ސެންޓްރަލް އެފްރިކަން ރިޕަބްލިކް، އެރިޓްރިއާ، ގެމްބިއާ، ލެސޯތޯ، ރިޕަބްލިކް އޮފް ކޮންގޯ އަދި ދެކުނު ސޫދާނުގައި ހުންނަ އެމްބަސީތައް ކައިރީގައި ހުރި ގައުމުތަކަށް ބަދަލުކުރުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ޔޫރަޕުގެ ލަގްޒެމްބާގް އާއި މޮލްޓާގައި ހުރި އެމްބަސީ އާއި ރާއްޖޭގައި ހުރި އެމްބަސީ ވެސް ބަންދުކޮށް، އެ އެމްބަސީތަކުގެ މަސައްކަތްތައް ވެސް ކައިރީގައި ހުރި ގައުމުތަކަށް ބަދަލުކުރުމަށް މި މެމޯގައި ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ވެސް ފްރާންސްގައި ހުރި 5 ކޮންސިއުލޭޓަކާއި ޖާމަނީގައި ހުރި ދެ ކޮންސުލޭޓެއްގެ އިތުރުން ދެކުނު ކޮރެއާ އާއި އިންޑޮނޭޝިއާ ހިމެނޭހެން އިތުރު ގިނަ ގައުމުތަކެއްގައި ހުރި އެމެރިކާގެ ކޮންސުލޭޓްތައް ބަންދުކުރުމަށް ވަނީ އަންގާފަ އެވެ.

ޓްރަމްޕް މިފަދައިން ނިންމާ މެމޯ ފޮނުއްވި ނަމަވެސް މި ނިންމުން ރަސްމީ ވާނީ މިކަން އެގައުމުގެ ކޮންގްރެސްއަށް ހުށަހަޅައި، ކޮންގްރެސް އިން ފާސްކުރުމުންނެވެ.