ގައުމު ބިނާކުރަން ހެރިޓޭޖް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގާތްގަނޑަކަށް 3،000 މީހުންނަށް ގައުމިއްޔަތާ ގުޅޭ އިލްމު އުނގަންނައިދީފައިވާކަމަށް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ ދިވެހި ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ އެ މިނިސްޓްރީއަށް ހަރަދު ކުރެވެމުން ދާއިރު މިނިސްޓްރީގެ މަސައްކަތްތަކުން އެ ހަރަދު ކުރެވޭ ފައިސާއާ އެއްވަރުގެ ބަދަލެއް ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ލިބިދޭތޯ ސުވާލުކުރައްވާފަ އެވެ.

މެންބަރު އަޒާންގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީރު އިބްރާހިމް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ދިވެހިންގެ ސިކުނޑި ބިނާކުރުމުގެ މަސައްކަތުގެ ވާހަކައަށް އިޝާރާތް ކުރައްވާފައިވާކަމަށާ އެކަމަށްޓަކާ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ދިވެހި ގައުމިއްޔަތުގެ އިލްމީ އަސްލުވަންތަކަމާ ބެހޭ އިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާތަނަށް 3،000 އަށްވުރެ ގިނަ ފަރާތްތަކަށް އަޅުގަނޑުމެން ވާނީ ދިވެހި ގައުމިއްޔަތުގެ އިލްމީ އަސްލުވަންތަކަމާ ބެހޭ އިލްމީ ހުށަހެޅުންތައް ފޯރުކޮށްދީފަ،" މިނިސްޓަރު ނަސީރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އުފެއްދި އިސްވަރުތަކާ ސެމިނާ ތަކުން އިތުރު ހޭލުންތެރިކަން ގެނެސްދީފައިވާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ މިނިސްޓްރީގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީރު ވަނީ ރީ ސަރުކާރުގެ އިހުމާލުގެ ސަބަބުން ހުކުރު މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން މިސްކިތުގައި ތަނބުތަކެއް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ސަބަބުން ބައެއް މަތިވަޑާމުގައި ހުރި ލިޔުންތައް، ކެމިކަލްތަކުގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާ ކަމަށެވެ.

"ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ހުރިތަން. އާދެ، ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާތަން. އެހެންވީމަ، މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފައި. އެ ގެއްލުންވެފައިވަނީ މަސައްކަތް ކުރެވިފައިވާގޮތުން އިހުމާލުވެފައިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަސީރު ވިދާޅުވީ ތަރިކައިގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުގެ ޕްލޭނެއް އެބައޮތް ކަމަށާ މި ޕްލޭނާ އެއްގޮތަށް ރާއްޖޭގައި ހުރި ތަރިކައާ ގުޅުންހުރި މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވިގޮތެއްގައި އާމްދަނީ ލިބޭނެގޮތަށް މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.