މުޒާހަރާއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ދައުވާ އުފުލައިފި އެވެ.

ރައީސްގެ އާއިލާގެ ފަރާތުން މި މައްސަލަ ކޯޓުގައި ދައުވާ އުފުލާފައިވާ ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސްގެ ދަރިކަލުން އުމައިރުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.

ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ އެވެ. ފެމެލީ ކޯޓުގައި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން ވޭޕް ބޭނުން ކުރައްވާތީ ވޭޕް މަނާކުރި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާގައި ވާހަކަ ދެއްކި މައްސަލައިގައި ރައީސްގެ އާއިލާއިން ވަނީ އެކަން ދޮގުކޮށް، އެފަދަ ވާހަކަދެއްކި ފަރާތްތަކާއި އިދިކޮޅު އެމްޑީޕީ ގޮވައިގެން ކޯޓަށް ދިއުމަށް ނިންމަވާފަ އެވެ.ފަ