ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހްއާއި އަނުޝްކާ ޝަރްމާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އެއް އިރެއްގައި މީޑިއާގައި އަޑު ފެތުރުނެވެ.

އެހެން ނަމަވެސް މީގެ އަހަރުތަކެއް ކުރިން ދިން އިންޓަވިއުއެއްގައި އަނުޝްކާ ވަނީ ދުވަހަކުވެސް ރަންވީރުއާ ރައްޓެހި ނުވާނެ ކަމަށާއި އެކަމުގެ ސަބަބުވެސް ބުނެދީފަ އެވެ.

އަނުޝްކާ ބުނީ ރަންވީރަކީ އޭނާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ މީހެއް ކަމަށާއި އެހެންކަމުން އޭނާއަކީ ރަނގަޅު ލޯބިވެރިޔަކަށް ނުވާނެ ކަމަށެވެ.

"އަހަރެން ކައިރީގައި ވަރަށް ގިނަ މީހުން އަހާ ރައްޓެހި ނުވަނީ ކީއްވެހޭ. އެކަމަކު އޭނާއަކީ ބޮލީވުޑަށް އަލަށް ތައާރަފްވި މީހެއް. މިވަގުތު އޭނާގެ ބޮލުގައި ގިނަ ކަންތައްތަކެއް އެބަހުރި. އެހެންވީމަ އަހަންނަށް އެކަމެއް ނުވާނެ" އަނުޝްކާ ބުންޏެވެ.

އަނުޝްކާ ބުނީ އޭނާ ބޭނުންވަނީ އޭނާއަށް ސަމާލުކަމާއި ވަގުތު ދޭނެ ބައިވެރިއެއް ކަމަށާއި ރަންވީރުއަށް އެކަން ކުރެވޭނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

ރަންވީރުއާއި އަނުޝްކާ އެކުގައި ފެނިގެންދިޔައީ ރަންވީރުގެ އެންމެ ފުރަތަމަ ބޮލީވުޑް ފިލްމު "ބޭންޑް ބާޖާ ބާރާތު" އިންނެވެ. އެ ފިލްމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު ރަންވީރާއި އަނުޝްކާގެ ޖޯޑަށް ވެސް ބޮޑު މަގުބޫލު ކަމެއް ލިބުނެވެ.

މިހާރު އަނުޝްކާ ކްރިކެޓް ކުޅުންތަރިިޔާ ވިރާޓް ކޯލީއާ ކައިވެނި ކޮށްގެން އުޅޭއިރު ރަންވީރު ކައިވެނިކުރީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންއާ އެވެ.