ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަލްސާއެއްގައި ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ބުނެ ފުލުހަށް މިއަދު ފުލުހަށް ހާޒިރުވުމަށް ވަނީ ހުސައިން ވަހީދުއަށް އަންގާފަ އެވެ. ހުސައިން ވަހީދުގެ އިތުރުން ހަމަ މި މައްސަލައިގައި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރި ވަމުންގެންދާ އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ފުލުހަށް ހާޒިރުވުމަށްވެސް ވަނީ އަންގާފަ އެވެ.
ހުސައިން ވަހީދު ފުލުހަށް ހާޒިރު ކުރަނީ މިއަދު ހަވީރު 4:00 ގަ އެވެ.
މިކަމާއި ނުރުހުން ފާޅުކުރައްވައި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
މަލީހު ވިދާޅުވީ ޕީއެންއެފްގެ ސިޔާސީ ޕޯޑިއަމްގައި ވާހަކަދައްކާ ފަރާތްތައް ފުލުހަށް ހާޒިރު ކުރުމަކީ ޑިމޮކްރަސީއާއި ޚިލާފު ލަދުވެތި އަމަލެއް ކަމަށެވެ.
"ފުލުހުންގެ އިދާރާއަކީ މުއިއްޒު ޗަރުކޭސް ކުޅުއްވަން އޮންނަތަނަކަށް ވެގެންނުވާނެ. ސިޔާސީ ނުފޫޒުން ފުލުހުންގެ އިދާރާ އެކަހެރިވާން ގޮވާލަން.ފަހަތަށް ނުޖެއްސޭނެ" މަލީހު ވިދާޅުވި އެވެ.
މީގެ އިތުރުން، މުޒާހަރާއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަނީ ދައުވާ އުފުލައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ ރައީސްގެ އާއިލާއިން މިފަދަ ދައުވާތައްކޮށް ރައްޔިތުންނަށް ބިރުދައްކަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށެވެ.